މާލޭ ޖަލު ސަރަހައްދުން ގާޑިޔަލެއް ކައިރިން ހިންގި މާރާމާރީގައި އަނިޔާވި މީހާއަށް ހަމަލާދީފައި ވަނީ ކަތިވަޅިން ކަމަށާއި ހަމަލާދީފައި ވަނީ އޭނާގެ މޫނާއި ކޮނޑަށް ކަމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން މީހަކު މިއަދު ބުނެފި އެވެ.
އަޑުބަދަލުކޮށް އެހެން ކޯޓު ރޫމެއްގައި އިނދެ ހެކިބަސް ދެމުން ފުރަތަމަ ހެކިވެރިޔާ ބުނެފައި ވަނީ ޑިސެމްބަރު 3، 2010 ގައި ހަވީރު 4:20 ހާކަންހާއިރު، ދައުވާ ލިބޭ ގދ. ފަރެސްމާތޮޑާ، ހައްސާން އަލީ އާއި ހ. އަގި، އަސީލް އިސްމާއިލް މާލޭ ޖަލު ސަރަހައްދުގައި ހުންނަ 16 ނަންބަރު ގާޑިޔާ ކައިރިއަށް ސައިކަލެއްގައި މަޑުކުރި ކަމަށެވެ. އަދި އެ ގާޑިޔާގެ ކައިރީގައި އެ ވަގުތު ހުރި މީހަކާ އެކު ޒުވާބު ކުރި ކަމަށް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނީ ގާޑިޔާ ކައިރީގައި ހުރި މީހާއާ ޒުވާބު ކުރުމަށް ފަހު އަސީލް، ގާޑިޔަލުގައި އޮތް ކަތިވަޅިއެއް ނަގައި އޭނާގެ މޫނާއި ކޮނޑުގައި ކަތިވަޅިން ޖަހާފައިވާ ކަމަށެވެ. އަދި ކަތިވަޅި އެއްލާލުމަށް ފަހު ހައްސާންގެ ސައިކަލު ފަހަތަށް އަރައިގެން އަސީލް ދިޔައީ ކަމަށް ވެސް ހެކިވެރިޔާ ބުންޏެވެ.
ދައުވާ ލިބޭ ފަރާތްތަކުގެ ދެ ވަކީލުން ވަނީ ހެކިވެރިޔާއާ ވަރަށް ގިނަ ސުވާލުކޮށްފަ އެވެ. އެގޮތުން މީގެ ކުރިން ގްރޫޕް މާރާމާރީއެއްގައި ހައްޔަރުކޮށްފައިވޭތޯ ސުވާލު ކުރުމުން ހެކިވެރިޔާ ބުނެފައި ވަނީ އެފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.
ދެ ވަނަ އަށް ހެކިބަސް ދިން މީހާ ވެސް ހައްސާނާއި އަސީލްއާ ދެމީހުން އެ ގާޑިޔާ ކައިރިއަށް ދިޔައީ އެކީގައި ކަމަށާއި އަސީލް ގާޑިޔާގެ ކައިރީގައި ހުރި މީހާއަށް ހަމަލާދިނުމުން ހައްސާން އޭނާ ގެންގޮސްފައިވާ ކަމަށެވެ.
ހެކިބަސް ނަގައި ނިމުމުން ދައުވާ ލިބޭ ހައްސާން ވަކީލު ވިދާޅުވީ އެ މައްސަލައިގެ ހެކިބަސް ނެގުން ކުރިން ރޭވިގެން ގޮސްފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތް ގެންދަނީ "ސައްދާމް ހުސެއިންގެ ޝަރީއަތް" ގޮތަށް ކަމަށް ބުނެ ވަކީލު ވަނީ ހެކިބަސް ނަގާ ގޮތާމެދު ފާޑުވިދާޅުވެފަ އެވެ.