އިރުގެ ހަކަތަ ބޭނުންކޮށްގެން ދުނިޔެ ވަށައި ބުރެއް ޖެހުމުގެ ދަތުރުފަށާފައިވާ މަތިންދާ ބޯޓު އެޓްލާންޓިކް ހުރަސްކޮށް، ތާރީހުގެ ތެރެއިން ޖާގަ ހޯދައިފި އެވެ.
"ސޯލާ އިމްޕަލްސް 2" ނަން ދީފައިވާ އެ މަތިންދާ ބޯޓު އެޓްލާންޓިކް ހުރަސްކުރުމުގެ ދަތުރުފެށީ ނިއު ޔޯކުން މިިދިޔަ ހޯމަ ދުވަހު އެވެ. ނިއުޔޯކުން ފުރައިގެން ހުއްޓުމެއްނެތި 70 ގަޑިއިރު ދަތުރުކޮށް ސްޕެއިންގެ ހުޅަނގު ދެކުނުގައި އޮންނަ ސެވިއްޔާއަށް ޖައްސާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ދުނިޔެ ވަށައި ބުރެއް ޖެހުމަށް އެ ބޯޓު ފަށާފައިވާ ދަތުރުގެ މުހިއްމު އަދި ނުރައްކާތެރި އެ ދަތުރު ކަނޑަތުކުރުމަށްފަހު ސްޕެއިންއަށް ޖެއްސީ ސްޕެއިންގެ އެއާ ފޯސްގެ އޮނާގާޑަކާއެކުގަ އެވެ.
އެބޯޓުގެ މިޝަން މެނޭޖަރުން މިހާރު ދަނީ ދަތުރުފެށި ދުބާއީއަށް އެނބުރި ދާނެ ވައިގެ މަގެއް ހޯދަން ފަށާފައެވެ.
ތޭރަ އަހަރުގެ ދިރާސާ އާއި މަސައްކަތުން އުފެއްދި އެ ބޯޓުގެ ދަތުރު ފަށާފައި ވަނީ މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. މަތިންދާ ބޯޓުގެ ކޮކްޕިޓުގައި އެންމެ ޕައިލެޓަކަށް އިނދެވޭ އެ ބޯޓު ދުއްވަމުންދަނީ ހުއްޓާ ކޮންމެ މަންޒިލަކުން ޕައިލެޓް ބަދަލުވާ ގޮތަށެވެ.
ބޯޓު ދުއްވަމުން ދަނީ ސްވިޒަލޭންޑުގެ ދެ ޕައިލެޓުން ކަމަށްވާ، އެންޑްރޭ ބޯޝްބާގާއި ޕްރެޓްރެން ޕިކާޑް އެވެ.
"ސޯލާ އިމްޕަލްސް 2" ބޯޓުގެ ދުވެއްޔަކީ ގަޑިއަކު 50 ކިލޯމީޓަރާއި 100 ކިލޯ މީޓަރާ ދެމެދުގެ ދުވެއްޔެކެވެ. 2300 ކިލޯގްރާމް ނުވަތަ 2.3 ޓަނުގެ ބަރުދަން ހުންނަ މިބޯޓުގެ ފިޔަގަނޑުގެ ފުޅާމިނުގައި 236 ފޫޓް ހުރެއެވެ. އެ ބޯޓުގެ ދަތުރަށް ބޭނުންވާ ހަކަތަ އިރުން ހޯދުމަށްޓަކައި އެ ބޯޓުގެ ފިޔަގަނޑުގައި 17،000 ސޯލާ ސެލް ހަރުކޮށްފައިވެ އެވެ.