ސަން ޔޫރޯ ގައިޑް: އެޑިޑާސް ބޫ ޜޫ

ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ރަސްމީ ބޯޅަ "ބޫ ޜޫ" --

މަތީފެންވަރުގެ ފުޓްބޯޅަ މެޗުތައް ކުޅެން ބޭނުންކުރާ ބޯޅައަކީ، އެކިއުރެސީ ހައި، މަޑު އެއްޗަކަށް ވާންޖެހެ އެވެ. މިއީ ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ރަސްމީ ބޯޅައެވެ. މި ބޯޅައަށް ދީފައިވާ ނަމަކީ "ބޫ ޜޫ" އެވެ. ފްރާންސް ބަހުން އެ ބުނެވެނީ "ރީތި ކުޅިވަރު" މިހެންނެވެ. މި ބޯޅަ އުފައްދާފައި ވަނީ އެޑިޑާސްއިންނެވެ.

ޔޫރޯ 2016ގެ ފުޓުބޯޅަ ރަސްމީކޮށް ތައާރަފު ކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ބޯޅަ އިފްތިތާހު ކޮށްދިނީ، ފްރާންސްގެ ފުޓްބޯޅަ ލެޖެންޑު ޒައިނުއްދީން ޒިދާން އެވެ.

ފްރާންސްގެ ފުޓްބޯޅަ ލެޖެންޑް ޒައިނުއްދީން ޒިދާން، ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ރަސްމީ ބޯޅަ "ބޫ ޜޫ" އިފްތިތާހުކޮށްދެނީ --

މި ބޯޅައިގައި، 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ފީފާ ވޯލްޑް ކަޕްގެ ރަސްމީ ފުޓުބޯޅަ "ބްރަޒޫކާ"ގައި ހުންނަ ޕެނަލް ޝޭޕް ހުރެ އެވެ. ނަމަވެސް، "ބޫ ޜޫ" ފުޓުބޯޅައިގެ ވަށައިގެންވާ ސްޓްރަކްޗާ ވަނީ ރަނގަޅު ކުރެވި، އޭގެ ގްރިޕް ވެސް ރަނގަޅު ކުރެވިފަ އެވެ.

މި ބޯޅައިގައި ހުދު ކުލައިގެ އިތުރުން ހުންނަނީ ނޫ ކުލައާއި ރަތްކުލައެވެ. ހުދު، ނޫ އަދި ރަތް ކުލަ އަކީ ފްރާންސުގެ ގައުމީ ދިދައިގައި ހުންނަ ތިން ކުލަ އެވެ.

ޔޫރޯ 2016 ފުޓުބޯޅަ މުބާރާތުގެ ރަސްމީ ބޯޅަ "ބޫ ޜޫ" --

އެޑިޑާސްއިން އަލަށް އުފެއްދި، ބޫ ޜޫ، ޔޫރޯ 2016 އޮފިޝަލް މެޗް ބޯޅަ ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބާޒާރަށް ނެރެފަ އެވެ. އޭގެ ބޯޅައެއްގެ އަގަކީ 140 ޔޫރޯ އެވެ.

comment ކޮމެންޓް