ދައުލަތުން ޑީއާރްޕީއަށް ދޫކުރި ފައިސާ ބޭނުން ކޮށްފައިވާ ގޮތް، ޒެޑް ފެކްޝަނުން ބަލަނީ

ދައުލަތުން މިހާތަނަށް ޑީއާރްޕީއަށް ދޫކޮށްފައިވާ ފައިސާ ބޭނުން ކޮށްފައިވާ ގޮތް، ޒެޑް ފެކްޝަނުން ބަލަން ފަށައިފި އެވެ.

ޒެޑްޑީއާރްޕީގެ މީޑިއާ ޑައިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ އަހްމަދު ނިހާނު ހުސެއިން މަނިކު އިއްޔެ ވިދާޅުވީ، ދައުލަތުން ޑީއާރްޕީއަށް ދޫކޮށްފައިވާ ފައިސާ މިހާތަނަށް ބޭނުންކޮށްފައި ހުރީ ރަނގަޅަށްތޯ ބަލަން ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ ފައިސާ ހަރަދުކޮށްފައި ހުރީ، އިލެކްޝަންސް ކޮމިޝަނަށް ޑީއާރްޕީ ފޮނުވާފައިވާ ޑޮކިއުމަންޓްތަކާ އެއްގޮތަށްތޯ ބަލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީއަށް 2006 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ ބަޖެޓްގައި ހިމެނިގެން ލިބެމުންދިޔަ ފައިސާ ބޭނުންކުރެވިފަހުރި ގޮތް އޮޅުންފިލުވަންޖެހޭ. އެ ފައިސާއަށް ވެފައިވާ ގޮތްތައް ބަލަން ބޭނުން. އެކަންތައް ދިރާސާ ކުރަމުން މި ގެންދަނީ،" ނިހާނު ވިދާޅުވި އެވެ.

ދެ ހާސް ދިހަ ވަނަ އަހަރު ބޭއްވި ޑީއާރްޕީގެ ދެ ވަނަ ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސް ކޮމިޝަނަށް ފޮނުވަންޖެހޭ މުއްދަތުގައި ނުފޮނުވައި އޮތް މައްސަލައާ ބެހޭގޮތުން ނިހާނު ވިދާޅުވީ، ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީގެ ފަރާތްޕުޅުން އެކަމުގެ ޒިންމާ ޕާޓީގެ ޒައީމް، މައުމޫނު އަބުދުލް ގައްޔޫމުގެ ކޮނޑުފުޅުގައި އަޅުއްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް 2010 ވަނަ އަހަރުގެ ކޮންގްރެސްގެ މާކުރިން، ދުވަހުން ދުވަހަށް ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތު، ކައުންސިލާ މަޝްވަރާ ކުރެއްވުމަށްފަހު ޕާޓީގެ އޭރުގެ ނާއިބު ޒައީމު އަހްމަދު ތަސް،މީނާ ޒައީމް ހަވާލު ކުރައްވާފައިވާ ކަމަށް ވެސް ނިހާނު ވިދާޅުވި އެވެ.

" ރިޔާސީ އިންތިހާބު ނިނުމާ ގުޅިގެން އެ ހަފުތާގެ ތެރޭގައި ކައުންސިލްގެ ބައްދަލުވުންތައް ކުރިއަށް ގޮސް، ކައުންސިލްގެ އިއްތިފާގުން ޒައީމު މައުމޫނުގެ ވިސްނުން ފުޅާއެކު ދުވަހުން ދުވަހަށް ޕާޓީ ހިންގުމުގެ މަސްއޫލިއްޔަތު ވަނީ އޭރުގެ ނާއިބު ޒައީމު އަހްމަދު ތަސްމީން އަލީއާ ހަވާލުކޮށްފައި. އަދި ތަސްމީންގެ ރެކޮމެންޑޭޝަނަކަށް ކެލާ ދާއިރާގެ މެންބަރު ޑރ. އަބުދުﷲ މައުސޫމު ޕާޓީގެ ސެކްރެޓަރީ ޖެނެރަލަކަށް ހަމަޖައްސައިގެން އެކަން ކުރިއަށްދިޔައީ،" ނިހާނު ވިދާޅުވި އްވެ.

ނިހާނު ވިދާޅުވީ އެކަން އެހެން އޮތްއިރު ކަނޑައެޅިފައިވާ މުއްދަތުގައި އެ މައުލޫމާތުތައް އިލެކްޝަނަށް ހުށަނޭޅުއްވުމުގެ ޒިންމާ ޒައީމް ނަންގަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު