މުސްލިމުން މަރާނެ ކަމަށް ބުނި އެމެރިކާ އަސްކަރިއްޔާގެ މޭޖަރަކު ހައްޔަރުކޮށްފި

މުސްލިމުން މަރާނެ ކަމަށާއި މިސްކިތްތަކަށް އޫރު މަސް އުކި ރުސެލް ތޯމަސް ލެންގްފޯޑް ---

މުސްލިމުން މަރާނެ ކަމުގެ އިންޒާރުދީ މި އަހަރުގެ ރޯދަ މަހު މިސްކިތެއްގެ ކުރި މައްޗަށް އޫރު މަސް އުކި ކަމުގެ ތުހުމަތުގައި އެމެރިކާ އަސްކަރިއްޔާ ރިޒާވްގެ މޭޖަރަކު ހައްޔަރުކޮށްފި އެވެ.

ރުސެލް ތޯމަސް ލެންގްފޯޑް ހައްޔަރުކުރީ މުސްލިމް ދީނީ ދަންނަ ބޭކަލަކަށް ބަޑިއެއް ދެއްކުމެއް ފަހު ނޯތު ކެރޮލީނާގެ ރޭފޯޑްގައި ހުންނަ މަސްޖިދުލް އަލް މަދީނާ ގޮއްވާލާނެ ކަމަށް ބުނުމުގެ ތުހުމަތުގަ އެވެ.

ލެންގްފޯޑްގެ މައްޗަށް އުފުލާ ދައުވާތަކުގެ ތެރޭގައި މީހަކަށް ބިރު ދެއްކުމާއި ހަތިޔާރު ހިފައިގެން އާއްމުންގެ ތެރެއަށް ނުކުމެ ބިރު ދެއްކުމުގެ އިތުރުން ހަމަލާދިނުމަށް ފާރަލުން ހިމެނެ އެވެ.

"މިސްކިތުގައި ތިބި މުސްލިމުން ކައިރީގައި އޭނާ ވަނީ އެ މީހުން މަރާލުމަށް ފަހު މިސްކިތުގެ ފަހަތުގައި ވަޅު ލާނެ ކަމަށް ބުނެފައި،" ނޯތް ކެރޮލީނާގެ ފުލުހުންގެ ކެޕްޓަން ޖޯން ކިވެޓް ވިދާޅުވި އެވެ.

ހަމަލާއާ ގުޅިގެން ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްގެ ނެޝަނަލް ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިބްރާހިމް ހޫޕާ ވަނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް ގާނޫނު ތަންފީޒު ކުރާ މުއައްސަސާތަކަށާއި އެފްބީއައި އަށް ގޮވާލައިފަ އެވެ.

"ރަމަޟާން މަހުގެ ދުވަސްތަކުގައި ކުރިއަށްގެންދާ ރޭ އަޅުކަންތައްތަކުގައި ނޯތު ކެރޮލީނާގެ އިތުރުން އެހެން ސަރަހައްދުތަކުގައި ހުރި މިސްކިތްތައް ދޮށުގައި ސަލާމަތް ބަލަހައްޓައި ދިނުމަށް ފުލުހުންގެ އަރިހުން އެދެން،" އިބްރާހިމް ހޫޕާ ވިދާޅުވި އެވެ.

މައުލޫމާތު: އާރުޓީ

comment ކޮމެންޓް