19:00
އއ. ހިމަންދޫގައި 2007 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި 10 އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ހިމަންދޫ މައްސަލައިގައި 10 އަހަރަށް ޖަލަށް ލުމަށް ދަށުކޯޓުން ކޮށްފައިވާ 10 މީހުންގެ ތެރެއިން ތިން މީހަކު ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލަ ނިންމުމަށް ހައިކޯޓުގައި މިއަދު ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ހައިކޯޓުގެ ފަނޑިޔާރު އަލީ އަހުމަދު ވިދާޅުވީ، ދަށުކޯޓުގެ މަރުހަލާގައި އެ މީހުން އިންކާރުކޮށްފައި ވަނީ، ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށް ކަމަށެވެ. ނަމަވެސް މި ހާދިސާގައި ބައިވެރިނުވާ ކަމަށް އެ މީހުން އިންކާރުކޮށްފައިނުވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި މި މައްސަލަ ދިރާސާ ކުރުމުން، ހިމަންދޫގެ ހާދިސާ އަކީ، ގާނޫނާއި ގަވާއިދުތަކާއި ރާއްޖޭގެ ޕަބްލިކް އޯޑަރާއި އާއްމު ނިޒާމާ ހިލާފު ފިކުރެއް ބާރުވެރިކުރުމަށް ހިންގާފައިވާ ހާދިސާއެއް ކަމަށް، ފަނޑިޔާރުންނަށް އިއްތިފާގުވެވިފައިވާ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި މި މައްސަލައަކީ ދިވެހި މުޖުތަމައުގައި އެފަދަ ހާދިސާތައް ފެތުރިގެން ހިނގައިދާނެ ފަދަ ހެއްކާއި ގަރީނާ ހުރި މައްސަލައަކަށް ވާތީ، ދަށުކޯޓުގެ ހުކުމަށް ބަދަލު ގެންނަން ޖެހޭކަމަށް ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ޓެރަރިޒަމް ކުށުގެ ދައުވާގައި ދަށުކޯޓުގެ ހުކުމާ މެދު ހިތްހަމަނުޖެހިގެން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރީ، އއ. ހިމަންދޫ، ގުލްފާމުގޭ އަހްމަދު ރަމްޒީ އާއި އެރަށު އަސުރުމާގޭ އާދަމް މުހައްމަދުގެ އިތުރުން އެރަށު ހުސްނުހީނާގޭ އަހްމަދު އަލީ އެވެ.
2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިނގި ހާދިސާގައި، ބޮޑެތި ދީނީ ހިޔާލުތަފާތުވުންތަކެއް އުފެދި، ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދިޔަ ބަޔަކާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ހަމަނުޖެހުމުގައި، ގިނަ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އަދި މި ހަމަނުޖެހުމުގައި އެ މީހުން ވަނީ ސިފައިންގެ މީހަކު ރަޙީނުކޮށް އަނިޔާ ވެސް ކޮށްފަ އެވެ.
ހިމަދޫ މައްސަލައިގައި ހައިކޯޓުން ހުކުމްކޮށްފައި މިވަނީ، އެ މައްސަލައިގައި ޖަލުގެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް އަދަބު ލުއިކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ދަނޑިވަޅެއްގަ އެވެ. ރައީސްގެ މި ވިދާޅުވުމާ ގުޅިގެން ސްޕެޝަލް އެންވޯއީ ޓުދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ އާއި، ޕޮލިޓިކަލް އެޑްވައިޒާ ޓުދަ ޕްރެޒިޑެންޓް ހަސަން އަފީފު، ޖަލަށް ޒިޔާރާތް ކުރައްވައި، ހުކުމްތަންފީޒު ކުރަމުންދާ ހިމަންދޫ މީހުންނާ ވަނީ ބައްދަލު ވެސް ކުރައްވައިފަ އެވެ.