ދަނޑުވެރިކަން ކުރުމަށް މާރަންދޫއިން ބިން ދޫކުރަނީ

ހއ. މާރަންދޫ --

ދަނޑުވެރިކަން ކުރުމުގެ މަސައްކަތަށް، ހއ. މާރަންދޫއިން ވަގުތީ ބިންތަކެއް ދޫކުރުމަށް ނިންމައި، އެކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މާރަންދޫ ކައުންސިލުން ބުނީ، އެ ދަނޑު ބިންތަކާ ގުޅޭގޮތުން މީގެ ކުރިން ދެ އިއުލާނެއް ކުރި ކަމަށާއި، އެ ދެ އިއުލާނަށް ވެސް އެކަށީގެންވާ މިންވަރަށް އިޖާބައެއް ނުލިބޭ ކަމަށެވެ.

ކައުންސިލުން ބުނީ، މާރަންދޫގައި ދިރިއުޅޭ ފަރާތްތަކުން އާމްދަނީ ހޯދުމަށްޓަކައި، އެރަށުގެ އުތުރު ކޮޅުގެ ދަނޑުބިމުން ވިޔަފާރި އުސޫލުން ވަގުތީ ގޮތުން ބިން ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެ ބިންތައް ދޫކުރަން ނިންމާފައި ވަނީ ދަނޑަކަށް 1،000 ރުފިޔާ އަށް ވުރެ ދަށް ނުވާނެ އަގަކަށެވެ. އަދި ބިންތައް ދޫކުރާނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށް މާރަންދޫ ކައުންސިލުން ބުންޏެވެ.

މާރަންދޫ ކައުންސިލުން ބުނީ ދަނޑުބިން ނެގުމަށް އެދޭ ފަރާތްތަކަށް މައުލޫމާތު ދިނުން، ޖޫން 21 ވަނަ ދުވަހު 10:30 ގައި އޮންނާނެ ކަމަށެވެ. އަދި އަންދާޒީ ހިސާބު ހުށަހަޅަން ޖެހޭނީ ޖޫން 23 ވަނަ ދުވަހު 10:30 އަށް، މާރަންދޫ ރަށު ކައުންސިލުގެ އިދާރާއަށް ކަމަށް އެ ކައުންސިލުން ބުނެ އެވެ.

comment ކޮމެންޓް