ރޯދައާ ގުޅިގެން ބީއެމްއެލް އިން ފިޔަވަތި ހިޔާ އަށް އެހީތެރިކަންފޯރުކޮށްދީފި

ބީއެމްއެލްގެ މުވައްޒަފުން ހުޅުމާލޭ ފިޔަވަތި ހިޔާގައި، އެތަނުގެ ކުދިންނާ އެކު ވަގުތުކޮޅެއް ހޭދަކުރަނީ -- ފޮޓޯ/ބީއެމްއެލް

ރަމަޟާން މަހާ ދިމާކޮށް، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތި" އަށް އެހީތެރިތެރިކަން ފޯރުކޮށްދީފި އެވެ.

ބީއެމްއެލް އިން ބުނީ، އެ އެހީތެރިކަން ފޯރުކޮށްދިނީ، ރޯދައާ ދިމާކޮށް ކޮންމެ އަހަރަކު ވެސް ބީއެމްއެލް އިން ހިންގާ "ރޯދަ ވެދުން" ހަރަކާތުގެ ދަށުން ކަމަށެވެ.

ބީއެމްއެލްގެ މުވައްޒަފުން އިއްޔެ ވަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާ އަށް ޒިޔާރަތްކޮށް، އެތަނުގައި ތިބޭ ކުދިންނާ އެކު ވަގުތު ހޭދަކޮށްފަ އެވެ.

ބޭންކުން ބުނީ، ފިޔަވަތި ހިޔާގައި ތިބި 82 ކުދިންނަށް ބޭންކުގެ މުވައްޒަފުން ހަދިޔާ ފޯރުކޮށްދީފައިވާ ކަމަށާއި "ފިޔަވަތި" ހިޔާގައި 700 އަށް ވުރެ ގިނަ ފޮތާ އެކު، ބީއެމްއެލްގެ ފަރާތުން ކުތުބުހާނާއެއް ވެސް ގާއިމު ކޮށްފައިވާ ކަމަށެވެ.

ބީއެމްއެލް އިން މައުލޫމާތުދޭ ގޮތުގައި، އެ ކުންފުނީގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް މިފަދަ ހަރަކާތެއް ހިންގުމަށް ފަންޑު ހޯދަ އެވެ.

އެކަމާ ގުޅޭ ގޮތުން، ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީން ވިދާޅުވީ، މުޖުތަމަޢަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްއިން ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭ ކަމެއް ކަމަށެވެ.

"ހަރަކާތް ކުރިއަށް ގެންދިޔުމަށް މުވައްޒަފުން ދިން އިސްކަމަށާއި އަދި ފައިސާގެ ގޮތުން ވެދިން އެހީތެރިކަމަށް މުވައްޒަފުންނަށް ޝުކުރު އަދާކުރަން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

comment ކޮމެންޓް