ޖަރުމަނުގެ ސްކޫލްތަކުގައި އިސްލާމްދީން ކިޔަވައިދިނުމަށް އެގައުމުގެ އިސްފާދިރީ ގޮވާލައްވައިފި

ބާލިން (މޭ 29): ޖަރުމަނުގެ ހުރިހާ ސްކޫލްތަކެއްގައި އިސްލާމްދީން ކިޔަވައިދިނުމަށް އެގައުމުގެ ނަސާރާ ޕްރޮޓެސްޓެންޓުންގެ ފައްޅިތަކުގެ އެންމެ ބޮޑު ފާދިރީ ހައިނާޝް ބެޑްފޯޑް ގޮވާލައްވައިފިއެވެ.

ޖަރުމަނުގެ ނޫހެއްކަމަށްވާ ހެއިލްބަރޫނަރ އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ އިސްލާމް ދީނަކީ ހަރުކަށިކަމާއި ޓެރަރިޒަމްގެ އަމަލުތަކަށް ގޮވާލާ ދީނެއް ނޫންކަމަށާއި އިސްލާމްދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާ ދުރަށް ޖަރުމަނުގެ މުސްލިމް ޒުވާނުން ދާނީ ޖަރުމަނުގެ ހުރިހާ ސްކޫލްތަކެއްގައި ސައްހަ ގޮތުގައި އިސްލާމްދީނުގެ އިލްމު ކިޔަވައިދީ އިސްލާމް ދީން ފުރިހަމަ ގޮތުގައި އެމީހުންނަށް އެނގި ހެޔޮނުބައި ވަކިކުރެވިގެން ކަމުގައެވެ.

ޖަރުމަނުގެ 16 ސްޓޭޓްގެ ތެރެއިން އިސްލާމީ ތައުލީމު ކިޔަވައިދެނީ އެންމެ ހަތް ސްޓޭޓްގެ ސްކޫލްތަކުގައެވެ. ނަމަވެސް ޖަރުމަނުގައި ހަތަރު މިލިޔަން މުސްލިމުން ދިރިއުޅެއެވެ. އެއީ އެގައުމުގެ އަބާދީގެ ފަސް އިންސައްތައެވެ. އަދި އިސްލާމީ ގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ޖަރުމަނަށް މިލިޔަނަކަށްވުރެ ގިނަމީހުން ޣައިރު ގާނޫނީ ގޮތުން ހިޖްރަކޮށްފައިވާއިރު އޭގެތެރެއިން ގާތްގަނޑަކަށް 80 އިންސައްތަ މީހުންނަކީ މުސްލިމުންކަމަށް ވަނީ ބެލެވިފައެވެ.

މިއާއެކު ޖަރުމަނުގެ މުސްލިމުންގެ އަދަދު ގާތްގަނޑަކަށް ފަސް މިލިޔަނަށް އަރާނެއެވެ. ޔޫރަޕްގެ ގައުމުތަކަށް ދޭ ޓެރަރިސްޓް ހަމަލާތަކުގައި މުސްލިމުން ބައިވެރިވާކަމަށް ބެލެވިފައިވާތީ ޖަރުމަނުގެ މުސްލިމުންނާމެދު އެގައުގެ ގިނަ ބަޔަކު ބަލަނީ ޝައްކުގެ ނަޒަރަކުންކަން ޚިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވެފައިވެއެވެ. އަދި ޔޫރަޕްގައި ހަރަކަތްތެރިވާ ހަރުކަށި ގައުމީ ވިސްނުމުގެ ޖަމާއަތެއްކަމަށްވާ ޕިގިޑާގެ ޖަމާއަތުގެ ޖަރުމަނުގެ ގޮފިންވަނީ ޖަރުމަނުގެ މުސްލިމުންނަކީ އެގައުމުގެ ގައުމީ ސަލާމަތަށް ނުރައްކާތެރި ބައެއްކަމަށް ސިފަކޮށް މުސްލިމުންނާ ދެކޮޅަށް އަޑުއުފުލައި މުޒާހަރަކޮށްފައެވެ.

ޖަރުމަނުގެ ދާޚިލީ ވުޒާރާ ބުނާގޮތުން އެގައުމުގެ މުސްލިމުންގެ ތެރެއިން ފަސް ސަތޭކައެއްހާ މީހުންވަނީ އައިއެސް ޖަމާއަތާ ގުޅުމަށްޓަކައި އިރާގަށާއި ސޫރިޔާއަށް ގޮސްފައެވެ.

ޖަރުމަނުގެ ހުރިހާ ސްކޫލެއްގައި ނަސާރާ ދީނާއި އެދީނުގެ މަޒުހަބުތައް ކިޔަވައިދޭއިރު މުސްލިމުންނަށް ރަސްމީ ސިފައެއްގައި އިސްލާމްދީން ކިޔަވައިނުދިނުމަކީ ޖަރުމަނުގެ މުސްލިމް ޒުވާނުން ހައްލާލައިގެން ޖިހާދުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތަކުގެ ތެރެއަށް އެމީހުން ވެއްދުމުގެ ފުރްސަތު އައިއެސްފަދަ ޓެރަރިސްޓް ޖަމާއަތްތަކަށް ފަހިވާ ކަމެއްކަމަށް އެގައުމުގެ ނަސާރާ ޕްރޮޓެސްޓެންޓުންގެ ފައްޅިތަކުގެ އެންމެ ބޮޑު ފާދިރީ ހައިނާޝް ބެޑްފޯޑް ދެކެވަޑައިގަންނަވައެވެ. (ރޮއިޓާސް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު