އަރުހަމް މަރާލި މައްސަލައިގެ ހުކުމް އިއްވުން، އިތުރަށް ދިރާސާ ކުރުމަށް ފަސްކޮށްފި

އިސްލާމިކް ޔުނިވާސިޓީގެ އިރަށް އޮންނަ ލޮރެންޒޯ ޕާކު ތެރޭގައި ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި މައްސަލައިގެ ހުކުމް އިއްވުން މިއަދަށް ތާވަލްކުރުމަށްފަހު އެހެން ދުވަހަކަށް ފަސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ސަން އަށް ވިދާޅުވީ މިއަދު 2:00 އަށް ތާވަލްކޮށްފައިވާ ހުކުމް އިއްވުމުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ކެންސަލްކުރީ އެއީ މަރުގެ ބޮޑު މައްސަލައަކަށްވާތީ އިތުރަށް މައްސަލަ ދިރާސާ ކުރުމަށް ކަމަށް މަނިކު ވިދާޅުވި އެވެ.

އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުވާ އުފުލާފައިވާ މީހުންނަކީ ލ. މާވަށް އެވަބްރޫ، މުހައްމަދު ވިސާމާއި ހަމައެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު މުހައްމަދު ސުފުޔާންގެ އިތުރުން މއ. ސީނަރީވިޔު އާތިފް ރަޝީދުގެ މައްޗަށެވެ.

އެ އެންމެން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. ދައުވާ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީން ވަނީ އޭގެތެރެއިން ބައެއް މީހުން އަރުހަމަށް ވަޅިން ހަމަލާދިން މަންޒަރު ދުށްކަމަށް ބުނެ ހެކިބަސް ދީފަ އެވެ.

އެ މައްސަލަ އެންމެ ފުރަތަމަ ބެލީ ގާޒީ މުހުތާޒު ފަހުމީއެވެ. ނަމަވެސް ދައުވާ ލިބޭ އާތިފްގެ އާއިލާގެ ފަރާތުން ހުށަހެޅި ޝަކުވާއަކާ ގުޅިގެން ދެން އެ މައްސަލަ ބަދަލުކުރީ ގާޒީ އަބްދުﷲ ދީދީ އަށެވެ. އަބްދުﷲ ދީދީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ބަދަލުކުރުމާ ގުޅިގެން މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް އަލީ އެވެ.

ދަރުމަވަންތަ ސްކޫލްގެ ގްރޭޑް 9 ގައި ތައުލީމް ހާސިލުކުރަމުންދިޔަ އަރުހަމް މަރާލާފައި އޮއްވައި ފެނުނީ 2012 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން އާތިފް ފިޔަވައި އެހެން އެންމެން ތިބީ ބަންދުގަ އެވެ.

comment ކޮމެންޓް