ރާއްޖޭގެ ފަރުތައް ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ ޖަމިއްޔާއަކާ އެކު އަނަންތާރާ ނުކުމެއްޖެ

ކޮރަލް ރީފް ސީޕީއާރުގެ މެރިން ބަޔޮލޮޖިސްޓަކު ރާއްޖޭގެ ކަނޑު އަޑީގެ ފަރެއް މޮނީޓަރު ކުރަނީ -- ފޮޓޯ/ކޮރަލް ސީޕީއާރު

ރާއްޖޭގައި ރިސޯޓު ހިންގާ ތައިލެންޑްގެ އަނަންތާރާ އިން، ދުނިޔޭގެ ކަނޑުގެ ދިރުންތައް ހިމަޔަތް ކުރަން މަސައްކަތް ކުރާ ޖަމިއްޔާ "ކޮރަލް ރީފް ސީޕީއާރު"އާ ގުޅިގެން، ރާއްޖޭގެ ފަރުތަކާއި މުރަކަތައް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

"ހޮލިސްޓިކް އެޕްރޯޗް ޓު ކޮރަލް ރީފްސް" (ހާޕް) ނަމަކަށް ކިޔާ މި މަސައްކަތުގެ ބޭނުމަކީ، މުރަކަތަކާއި ފަރުތައް ހިމާޔަތް ކުރުމުގެ އިތުރުން، އެތަކެތި ދިގު މުއްދަތަކަށް ދިރި ހުންނާނެ ގޮތެއް ހެދުމެވެ.

ކޮރަލް ރީފް ސީޕީއާރުގެ ޗީފް މެރިން ބަޔޮލޮޖިސްޓް ޑރ. އެންޑްރޫ ބްރަކްނާ ވިދާޅުވީ، ރާއްޖޭގެ ބައެއް ކަނޑުތަކުގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވަމުން ދާ އިރު، މުރަކަތަކަށް އޭގެ އަސަރުކޮށް، ކޮރަލް ބްލީޗިންގް ނުވަތަ މުރަކަތައް ހުދުވެ، މަރުވާ ކަމަށެވެ.

ކޮރަލް ރީފް ސީޕީއާރުން މި މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. އެގޮތުން، ފަރުތައް މޮނީޓާކޮށް، ބެލެހެއްޓުމަށް 10 މޮނީޓަރިން ސްޓޭޝަން ގާއިމު ކުރި އެވެ. އެ ސްޓޭޝަންތައް ހުންނަނީ، މާލެ އަތޮޅާއި ބ. އަތޮޅުގައި، އަނަންތާރާގެ ރިސޯޓުތައް ކައިރީގަ އެވެ. މި ސްޓޭޝަންތަކުން ދާނީ، މި އަހަރުގެ ހިނގަމުންދާ އެލް ނީނިއޯ ހަރަކާތްތަކުގެ ކުރިއާއި ފަހުން، ކަނޑުގެ ހާލަތާއި ކަނޑު އަޑީގެ ދިރުންތަކުގެ ހާލަތް މޮނީޓަރު ކުރަމުންނެވެ.

ކޮރަލް ރީފް ސީޕީއާރުން ބުނާ ގޮތުގައި، މާޗް މަސް ފެށުނު އިރު ފަރުތަކުގެ ފިނިހޫނުމިން ވަނީ 30 ޑިގްރީއަށް ވުރެ މަތި ވެފަ އެވެ. އަދި އޭޕްރިލް މަހު 31 ޑިގްރީއަށް ވުރެ އިތުރުވެފައިވާ އިރު، ވިލުތަކުގެ ފިނިހޫނުމިން ހުރީ 32 ޑިގްރީއާއި 33 ޑިގްރީ ސެލްސިއަސްއާ ދެމެދުގައި ކަމަށް ކޮރަލް ރީފް ސީޕީއާރުން ބުނެ އެވެ.

"އާންމު ގޮތެއްގައި ކަނޑުގެ ފިނިހޫނުމިން ހުންނަން ޖެހެނީ 4 ވަރަކަށް ޑިގްރީ ދަށްކޮށް. އެކަމަކު މިހާރު މާ ބޮޑަށް ހޫނުވަމުން ދަނީ. މިއީ އެލް ނީނިއޯގެ ހަރަކާތްތައް ދެވަނަ އަހަރަށް ދެމިގެން ދާ އިރު ކުރަމުންދާ އަސަރު،" ޑރ. އެންޑްރޫ ބްރަކްނާ ވިދާޅުވި އެވެ.

ހާޕް ޕްރޮގްރާމްގެ ދަށުން، ކޮރަލް ރީފް ސީޕީއާރުން އަނަންތާރާއާ ގުޅިގެން މުރަކަ ނާސަރީއެއްގެ މަސައްކަތެއް ވެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތް ވެސް މިހާރު ކުރިޔަށް ދާ އިރު، ހާޕް ޕްރޮގްރާމުގެ ތިންވަނަ އަދި ހަތަރުވަނަ ފިޔަވަހީގައި، ނާސަރީގައި އުފައްދާ މުރަކަތައް ފަރުގައި އިންދުމުގެ މަސައްކަތް ކުރާނެ އެވެ.

ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް ކުންފުނީގެ ހޮޓެލް ޗެއިން އަނަންތާރާއިން ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގަ އެވެ. އެއީ އަނަންތާރާ ވެލި، އަނަންތާރާ ދިގު، އަނަންތާރާ ކިހަވަށް ވިލާސް އަދި އަނަންތާރާ ނަލަދޫ މޯލްޑިވްސް އެވެ.

comment ކޮމެންޓް