މަރްހޫމް މުހައްމަދު ޒާހިރު ނަސީރަކީ ރާއްޖޭގެ ފުރަތަމަ ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށްފަހު، ރާއްޖޭގެ ކުޅިވަރުގެ ދެވަނަ ބާނީކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މަރްހޫމް ޒާހިރު ނަސީރުގެ ހަނދާނުގައި ދައުލަތުން ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ، ޒާހިރު ނަސީރުގެ ނަންފުޅަކީ ގައުމީ ހިދުމަތުގައި ރަން އަކުރުން ފަވާލެވޭނެ ނަންފުޅެއް ކަމަށެވެ.
ޒާހިރު އަވަހާރަވުމަކީ ދިވެހި ގައުމަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއްކަމަށް ރައީސް މައުމޫނު ވިދާޅުވެފަފައިވެ އެވެ.
ރައީސް މައުމޫން ވިދާޅުވީ، ތަފާތު ދާއިރާތަކުގައި 65 އަހަރަށްވުރެ ގިނަ ދުވަހު ގައުމަށް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ޒާހިރު ނަސީރަކީ ރާއްޖޭގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ފަހުން، ރާއްޖޭގެ ކުޅިވަރުގެ ދެވަނަ ބާނީ ކަމަށެވެ. އަދި ޒާހިރު ނަސީރަކީ ރާއްޖޭގެ ކުޅިވަރު އާއިލާގެ ބައްޕަގެ ގޮތުގައި ސިފަކުރައްވައި ތައުރީފުކުރައްވާފައި ވެއެވެ.
Signing the condolence book opened in memory of the late Hon Zahir-Naseer NIIV pic.twitter.com/byiWcaPpg1
— Maumoon Abdul Gayoom (@maumoonagayoom) May 26, 2016
ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ، މ. ފެންފިޔާޒުގޭ، މުހައްމަދު ޒާހިރު ނަސީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް، މިދިޔަ އަންގާރަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އެވެ. އަވަހާރަވި އިރު އުމުރުފުޅަކީ 87 އަހަރެވެ.
ޒާހިރުގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް މައުމޫން އިތުރަށް ލިޔުއްވާފައިވަނީ، ޒާހިރު ނަސީރުގެ ހަޔާތްޕުޅުން މިއަދުގެ ޒުވާނުންނާއި ހަރު މީހުންނާއި ކުޑަ ކުދިންގެ އިތުރުން އާއްމު ރައްޔިތުން ލިބިގަންނަވީ ހައްގު ފިލާވަޅުތަކެއް ވާ ކަމަށެވެ.
އެގޮތުން، ވަގުތަށް ކަމޭ ހިތުމާއި އަހުލާގާއި ބަލިވިޔަސް މާޔޫސް ނުވުމާއި ހިތްވަރާއި އަޒުމާއެކު ކާމިޔާބީ ހާސިލްކުރަން މަސައްކަތްކުރުން ފަދަ ކަންކަން ހިމެނޭ ކަމަށާއި ޒާހިރުގެ އަރިހުގައި މަސައްކަތް ކުރެއްވުމަށް ލިބުނު ފުރުސަތުން ފިލާވަޅުތަކެއް ދަސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.