އެންވަޔަރަންމެންޓް މިނިސްޓްރީ އާއި އދ.ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ އެހީގައި ކުރިއަށް ގެންދާ "ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް"ގެ ފަރާތުން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.
މިނިސްޓްރީ އިން ބުނީ އެއީ މޫސުމަށް އަންނަ ބަދަލުތަކާއި އަދި ހަކަތަ ބޭނުން ކުރުމުގައި ސަމާލުވުމުގައި އާންމު ފަރުދުންގެ މެދުގައި އޮތް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވާ މުބާރާތެއް ކަމަށެވެ.
އެ މުބާރާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން، ޖުލައި މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށެވެ. ޖުލައި ހަތަރު ވަނަ ދުވަހުގެ ކުރިން މުބާރާތުގައި ބައިވެރިކުރަން ބޭނުންވާ ކުރެހުންތައް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.
މުބާރާތަށް ހުށަހަޅާ ކުރެހުންތައް ހުންނަންވާނީ އެ މުބާރާތުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށާއި ޖޫން ހަތަރު ވަނަ ދުވަހުން ފެށިގެން މައުލޫމާތު ކަރުދާސް މިނިސްޓްރީ އިން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީ އިން ބުނެ އެވެ.
މިނިސްޓްރީން ބުނީ މުބާރާތުގެ ކެޓެގަރީތަކުން އެއްވަނައަށް ހޮވާ ކުރެހުންތައް ގާލްގައިޑްސް އަދި ސްކައުޓުން ހޭލުންތެރިކުރުމަށްޓަކައި ތައާރަފުކުރުމަށް ހަމަޖެހިފައިވާ "އެނާޖީ އެފިޝެންސީ ބެޖް" ފަރުމާކުރުމަށް ބޭނުންކުރާނެ ކަމަށެވެ.
އެ މުބާރާތުގައި ހަތަރު ކެޓަގަރީ އަކުން، ހަ އަހަރާއި 25 އަހަރާ ދެމެދުގެ މީހުންނަށް މުބާރާތުގައި ބައިވެރިވޭނެ އެވެ.
ކުރެހުންތައް ހުށަހެޅޭނެ ކެޓަގަރީތައް
- ކެޓަގަރީ 1: ހަ އަހަރާއި ނުވަ އަހަރާ ދެމެދު
- ކެޓަގަރީ 2: 10 އަހަރާއި 11 އަހަރާ ދެމެދު
- ކެޓަގަރީ 3: 11 އަހަރާއި 17 އަހަރާ ދެމެދު
- ކެޓަގަރީ 4: 18 އަހަރާއި 25 އަހަރާ ދެމެދު
މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން އެއް ވަނަ، ދެ ވަނަ އަދި ތިން ވަނަ ހޮވުމަށް ނިންމާފައި ވާއިރު، ކޮންމެ ކެޓަގަރީ އަކުން އެއްވަނައަށް އަންނަ ފަރާތަކަށް 2500 ރުފިޔާގެ ގިފްޓު ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ.
ދެވަނަ އަށް އަންނަ ފަރާތަކަށް 1000 ރުފިޔާގެ އަދި ތިން ވަނައަށް އަންނަ ފަރާތަކަށް 500 ރުފިޔާގެ ގިފްޓު ވައުޗަރު ވަނީ ހުށަހަޅައިފަ އެވެ.