ޒުވާނުން މުޒާހަރާއަށް ނުކުތުމަކީ ހަގީގީ އިދިކޮޅު ޕާޓީ އުފެދުމުގެ ސިގުނަލް: އުމަރު

ސަރުކާރުން ޑޮލަރުގެ އަގަށް ގެނައި ބަދަލުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން ބައެއް ޒުވާނުންނާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މިދިޔަ ހަފްތާގައި ބޭއްވި ސިލްސިލާ މުޒާހަރާ ތަކުން ފެނިގެން ދިޔައީ ހަގީގީ އިދިކޮޅު ޕާޓީ އުފެދުމުގެ ފުރަތަމަ ސިގްނަލް ކަމަށް މައުމޫނަށް ނިސްބަތްވާ ޒެޑް ފެކްޝަންގެ ވަގުތީ ހިންގާ ކޮމިޓީގެ ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ، ޒުވާނުން ކުރި މުޒާހަރާ ތަކަކީ އިއްތިފާގެއް ނޫން ކަމަށެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ދަންނަވާނީ އެއީ އިއްތިފާގުން ހިނގި ކަމެއްނޫނޭ. އެ ފެންނަމުންދަނީ ހަގީގީ އިދިކޮޅު ޕާޓީ އުފެދުމުގެ ފުރަތަމަ ސިގްނަލް. އިދިކޮޅު ޕާޓީ ބަނދެގެން ބިރުދައްކައިގެން އިދިކޮޅު ޕާޓީ ހުއްޓުވޭނެ ދުވަސް ނިމުނީ. ދުއްވައިގަންނަންޖެހޭ ތަނަކަށް ދުއްވައިގަންނާނަން. ހުއްޓަންޖެހޭ ތަނަކަށް ހުއްޓާނަން. އަރަންޖެހޭ ތަނަކަށް އަރާނެ ކުރަންޖެހޭ ހުރިހާކަމެއް ކުރާނެ ހުއްޓުވޭނެ އެއްވެސް ލަޝްކަރެއް އެއްވެސްތާކު ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ، ރައީސް ނަޝީދަށް އެކަށީގެންވާ ވަރަށް ގައުމު ނުހިންގެންޏާ ޒުވާނުން ނުކުންނާނެ ކަމަށެވެ. އަދި ޒެޑް ޑީއާރުޕީން ނިކުމެފައި ވަނީ ސަރުކާރު ޒިންމާދާރު ކުރުވަން ކަމަށާއި އެކަން ނުކުރެވިއްޖެ ނަމަ ރައީސް ނަޝީދަށް ޖެހިވަޑައިގަންނަވާނީ ވެރިކަމުން ފައިބާ ވަޑައިގަތުމަށް ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ޒުވާނުންގެ މުޒާހަރާ ތަކުގައި، ޒެޑް ޑީއާރްޕީގެ ލީޑަރުންގެ ގޮތުގައި މަސައްކަތްކުރާ ހުރިހާ މީހުން ފުލުހުން ހައްޔަރު ކުރި ކަމަށާއި އެ މުޒާހަރާ ތަކުގައި ފުލުހުން 500 ޒުވާނުން ހައްޔަރު ކުރިއިރު 100އަށްވުރެ ގިނަ ޒުވާނުންނަށް ކުދި އަނިޔާވެ 25 އަށްވުރެ ގިނަ ޒުވާނުންނަށް ބޮޑެތި އަނިޔާވެފައިވާ ކަމަށެވެ.

ސަރުކާރު އަމިއްލައަށް ބޭޒާރުވާފަދަ ކަންތައްތައް ސަރުކާރުން ކުރިއަށް ގެންދާކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ، ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ޖަލުގައި މަރައިލި މީހެއްކަމަށްބުނެ ރައީސް ނަޝީދުގެ ސަރުކާރުން ޖަލުން ނެގި ކަށިތަކަކީ 800 އަހަރު ވެފައިވާ ކަށިތަކެއް ކަމަށް އެ ކަށިތައް ދިރާސާކުރި، ތައިލެންޑާއި އިނގިރޭސި ވިލާތުގެ ލެބޯޓްރީތަކުން ބުނެފައިވާ ކަމަށެވެ.

"އަތްބަޅޭގެ ކަށިތައްކަމަށް ބުނާ ކަށިތައް ތައިލެންޑްގެ ލެބޯޓްރީއަކުން ޓެސްޓް ކުރުމަށްފަހު ބުނެފައިވަނީ އެއީ800 އަހަރުވެފައިވާ ކަށިތަކެއް ކަމަށް. ދެން އެކަން ގަބޫލު ނުކޮށް އެ ކަށިތައް ގެންދިޔައީ އެމެރިކާގެ ލެބޯޓްރީއަކަށް. އެތަނުންވެސް ބުނީ 800 އަހަރު ވެފައިވާ ކަށިތަކެއް ކަމަށާއި އެއީ 30 އަހަރުގެ މީހެއްކަމަށް،" އުމަރު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު