ޒާހިރު ނަސީރު އަވަހާރަވުމާ ގުޅިގެން، ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން މާދަމާ

މުބާރާތެއްގެ ވަނައެއް ލިބުނު ފަޜަތަކަށް މަރުހޫމް މުހައްމަދު ޒާހިރު ނަސީރު އިނާމު ދެއްވަނީ --- ފޮޓޯ/ އަސްރުމާ ފޭސްބުކް ޕޭޖް

ދައުލަތަށާއި، ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ މުހައްމަދު ޒާހިރު ނަސީރު އަވަހާރަވުމާ ގުޅިގެން ޔޫތު މިނިސްޓްރީން ތައުޒިޔާގެ ދަފްތަރެއް ހުޅުވާލުމަށް ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ދަފްތަރުގައި ސޮއިކުރުން އޮންނާނީ މާދަމާ ހެނދުނު 8:00 އިން، އިރުއޮއްސި 6:00 އާ ހަމައަށެވެ.

ސޮއިކުރުން ކުރިޔަށް ދާނީ މާފަންނު ޔޫތު ސެންޓަރާއި، ހ. ބޯޅަގޭގަ އެވެ.

ޒާހިރު ނަސީރު އަވަހާރަވުމާ ގުޅިގެން، މާދަމާ ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.

ޒާހިރު ނަސީރު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވަނިކޮށް، ރޭ ފަތިހުގެ ވަގުތެއްގައި އަމިއްލަފުޅު ގެކޮޅުގަ އެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 87 އަހަރެވެ.

ޒާހިރު ނަސީރަށް ބޮޑުބޭބެ ވިދާޅުވާ މުހައްމަދު ނާޝީދު "ސަން"އަށް މިއަދު ވިދާޅުވީ ބޭބެ އާލާސްކަންފުޅާ އުޅުއްވާތާ ހަތަރު މަހެއްހާ ދުވަސް ވެދާނެ ކަމަށާއި ބޭބެގެ ހަރަކާތް ހުއްޓިގެން ފަތިހު ހޮސްޕިޓަލަށް ގެންދިޔައިރު އަވަހާރަވެފައިވާ ކަަމަށެވެ.

އަވަހާރަވީއިރު ޒާހިރު ނަސީރު ކައިވެންޏެއް ބައްލަވައިގެންފައެއް ނުވެ އެވެ.

ޒާހިރަށް 2011 ވަނަ އަހަރު ވަނީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ޝަރަފު ދައުލަތުން އަރުއްވައިފައެވެ. އަދި މި މަހުގެ ތިން ވަނަ ދުވަހު ފާހަގަ ކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި ޒާހިރު ނަސީރަަށް ވަނީ ނޫސްވެރިކަމުގެ ގައުމީ ޝަރަފު އަރުވާފައެވެ. އެ ޝަރަފު އެމަނިކުފާނަށް އެރުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިންނެވެ.

comment ކޮމެންޓް