އެމްޑީޕީގައި ހުންނަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު ވޯޓެއް ނަގަނީ!

ފުވައްމުލަކު ރައްޔިތުންނަށް ސަރުކާރުން ކޮށްދޭން ވައުދުވި ގިނަ ކަންތައްތަކެއްގެ އަމަލީ ސިފަ ނުޖެހި ލަސްވަމުންދިއުމާ ގުޅިގެން ރައްޔިތުންގެ އުއްމީދުތައް ގެއްލިގެން ގޮސްފައިވާތީ އެމްޑީޕީގައި ހުންނެވުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާގު މުފީދު (ހިޝްޓޯ) ނިންމަވައިފި އެވެ.

ޝިފާގު މިއަދު ވިދާޅުވީ، އެމްޑީީޕީން ސަރުކާރާ ހަވާލުވުމަށް ފަހު ފުރިހަމަކޮށްދޭން ވައުދުވި ފުވައްމުލަކުގެ ބަނދަރާއި އެއާޕޯޓާއި ނަރުދަމާ އާއި އެފަދަ އެތައް ޕްރޮޖެކްޓެއްގެ މަސައްކަތް އަދިވެސް އޮތީ ނުނިމި ކަމަށެވެ. އަދި އެކަމާ ރައްޔިތުން މާޔޫސްވެ، ތަކުރާރުކޮށް ސުވާލުކުރަމުންދާއިރު، ދެއްވާނެ ޖަވާބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ.

"ރައްޔިތުންގެ ތެރެއިން މިހާރު އުފެދިގެން އަޅުގަނޑާ ހަމައަށް އަންނަ ސުވާލަކީ ހިޝްޓޯއޭ މިހާރު މި ސިޔާސަތުތައް އިމްޕިލިމެންޓްކުރެވެމުންދާ ލެވެލާ، ދެވެމުންދާ މިސްރާބަށް ބަލާއިރު ތިމަންނަމެން މިއެދޭ ކަންތައް މިއެދޭ ތާރީހުގައި ހާސިލްކުރެވިދާނެހެއްޔޭ؟ ރައްޔިތުން އެކުރާ ސުވާލު އަޅުގަނޑު ހިތުތެރޭގައި ވެސް އުފެދޭ. އެއަށްދޭނެ ޖަވާބެއް އަޅުގަނޑުގެ ވެސް ނެތް،" ޝިފާގު ވިދާޅުވި އެވެ.

އެހެންކަމުން، މިހާރު ފުވައްމުލަކުގައި ކަންތައްތައް ހިނގަމުންދާ ގޮތަށް ބަލާއިރު "އެމްޑީޕީގައި ދެމިހުންނަން ފެނޭތޯ ނުވަތަ ނޫންތޯ" ނިންމުމަށް އޭނާގެ ދާއިރާގެ ރައްޔިތުންނަށް ފުރުސަތު ދިނުމަށް މިމަހުގެ 28 ވަނަ ދުވަހު ވޯޓެއް ނަގަން ނިންމެވީ ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ.

"އަޅުގަނޑު ރައްޔިތުންނަށް އަމާޒްކުރާ ސުވާލަކީ އެމްޑީޕީގެ ސިޔާސަތު ކުރިއަށްގެންދާ މީހެއްގެ ގޮތުގައި އަޅުގަނޑު ދެމިހުންނަންވީތޯ ނުވަތަ ނޫންތޯ؟ ތިބޭފުޅުން އަޅުގަނޑަށް މަގުދައްކަވާދޭށެ،" ޝިފާގު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެ ވޯޓުން ނުކުންނާތީ ދެ ނަތީޖާއެއް ކަމަށާއި އެއީ އެމްޑީޕީގައި ދެމިހުންނެވުން ނުވަތަ އިދިކޮޅު ފަރާތްތަކާ ގުޅުން ކަމަށެވެ. އަދި "ރައްޔިތުންގެ ކޮންމެ ނިންމުމަކަށް" އޭނާ ހުންނެވީ ތައްޔާރަށް ކަން ޝިފާގު ވިދާޅުވި އެވެ.

"އަޅުގަނޑަށް މި ގަބޫލުކުރެވެނީ ރައްޔިތުންގެ އެ ވޯޓުން ދިއްލާނީ މިސާލަކަށް ކުލަ ކިޔާ ކަމަށްވަންޏާ، ޔެލޯ ނޫނީ ބްލޫއޭ. އެއީ މައިގަނޑު ދެ ޕާޓީ. ދެން ޔެލޯ ދިއްލައިފި ނަމަ އެ ބުނަނީ އެމްޑީޕީގައި މަޑުކޮށްލާށޭ. އެކަމަކު ބްލޫ ދިއްލައިފި ނަމަ އެ ބުނަނީ، ހިޝްޓޯއޭ ބަދަލުތަކެއް އަންނަން އެބަޖެހެއޭ. އެހެންވެއްޖެއްޔާ އަޅުގަނޑު ރައްޔިތުންނާ އެއްކޮށް އިށީނދެގެން، އެމީހުންނާ މަޝްވަރާކޮށްފައި ދެން އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑު އަޅާނީ." އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު ޝިފާގު ވިދާޅުވި އެވެ.

ފުވައްމުލަކު މެދު ދާއިރާގައި ހިމެނޭ ތިން އަވަށުގައި ވެސް ވޯޓު ފޮށި ބަހައްޓާނީ ވަކިން ކަމަށާއި ވޯޓުލާ މީހުންގެ ލިސްޓުގެ ގޮތުގައި ބަލާނީ އެންމެ ފަހުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ލިސްޓަށް ކަމަށް ވެސް ޝިފާގު ވިދާޅުވި އެވެ. އަދި ޕާޓީއާ އެއްވެސް ގުޅުމެއް ނެތި އެކަން ކުރިއަށްގެންދިއުމަށް އަމިއްލަ ޖަމިއްޔާތަކާ ވާހަކަ ދައްކަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގައި ހުންނަވަން ފެނޭތޯ ބެލުމަށް މިއަދު ވޯޓެއް ނަގާ ވާހަކަ ޝިފާގު ވިދާޅުވިއިރު، ދާދި ފަހުން އޭނާ ވަނީ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމުގެ ފިކުރު ގެންގުޅުއްވާ ކަމުގައި މީޑިއާގައި ވިދާޅުވެފަ އެވެ.

މިއީ މަޖިލިސް މެމްބަރަކު އޭނާ ނިސްބަތްވާ ޕާޓީގައި ހުންނެވުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ވޯޓެއް ނަގާ ފުރަތަމަ ފަހަރެވެ. އެކި ޕާޓީތަކުގެ ޓިކެޓުގައި ހޮވިވަޑައިގެންނެވި ބައެއް މެމްބަރުން ވަނީ އެކިފަހަރު މަތިން ޕާޓީ ބަދަލުކުރައްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު