އެމްޑީޕީގެ އެތެރޭގެ އިންތިހާބު:
ނޮޅިވަރަމް ދާއިރާ އާއި މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމުގެ ވޯޓާ ގުޅޭ ޝަކުވާތަކެއް ހުރުމުން ދެ ދާއިރާގެ ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކޮށްފި

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ހދ. ނޮޅިވަރަމް ދާއިރާގެ ރައީސާއި މަތި އުތުރު ޕްރޮވިންސްގެ ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބުކުރުމަށް ނެގި ވޯޓާ ގުޅޭ ގޮތުން ބޮޑެތި ޝަކުވާތަކެއް ހުށަހަޅައިފައިވާތީ، އެ ދެ ދާއިރާގެ ދާއިމީ ނަތީޖާ އިއުލާންކުރުން ފަސްކުރަން އެމްޑީޕީން ނިންމައިފި އެވެ.

އެ ދެ ދާއިރާއަށް ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅުންކޮޅެއް ވާދަކުރެއްވި އެވެ. އެގޮތުން ނޮޅިވަރަމް ދާއިރާގެ ރައީސަކަށް އެންސްޕާގެ ޗެއާމަން އިބްރާހިމް ވަހީދާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އަހްމަދު އާދިލް ވާދަކުރެއްވި އެވެ. މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) އަދި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާގެ ނައިބު އާދަމް ނަސީރު ވާދަކުރެއްވި އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި އިންތިހާބު ކާމިޔާބު ކުރެއްވީ އެންސްޕާ ވަހީދާއި އާދަމް ނަސީރެވެ.

ނަމަވެސް، ސަން އަށް އެނގިފައިވާ ގޮތުގައި، އެ ދެ ދާއިރާއާ ގުޅޭ "ބޮޑެތި" ޝަކުވާތަކެއް ހުށަހަޅައިފައިވާތީ، މިއަދު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރާއިރު އެ ދެ ދާއިރާގެ ނަތީޖާ ނުނެރެން ވަނީ ނިންމައިފަ އެވެ.

ވަރަށް މުއުތަބަރު ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، ނޮޅިވަރަމް ދާއިރާގެ ނަތީޖާ ހިފަހައްޓާފައިވަނީ އެ ދާއިރާގެ ރައީސްކަމަށް ހޮވިވަޑައިގެންނެވި އެންސްޕާ ވަހީދުގެ މައްޗަށް ވައްކަމުގެ ކުށް ސާބިތުވެފައިވާތީ، އޭނާގެ ޝަރުތު ހަމަނުވާ ކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅައިފައިވާ ޝަކުވާއަކާ ގުޅިގެން ކަމަށެވެ. އެ ޝަކުވާ ހުށަހެޅީ އިންތިހާބު ބޭއްވުމުގެ ކުރިން ކަމަށާއި އެ މައްސަލަ ނުބަލައި ވަހީދަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދިން މައްސަލަ ޕާޓީގެ ތެރޭ ވަރަށް "ހޫނު" ވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގެ އަށް ވަނަ މާއްދާގައި ވަނީ އިންތިހާބަށް ކުރިމަތިލެވޭނީ އިސްލާމް ދީނުގައި ހައްދުކަނޑައަޅާފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ނުވާ ނަމަ އެވެ. އަދި އިންތިހާބަށް ކުރިމަތިލާ އިރު އެ މީހަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަންގެ މައްސަލައެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުން ވެސް އެ ގަވައިދުގައިވެ އެވެ. ނަމަވެސް، ވައްކަން ކުރުމުގެ ކުށުގައި ހަތަރު އަހަރާއި ދެ މަސް ދުވަހުގެ މުއްދަތަށް އަރުވާލަން ވަހީދުގެ މައްޗަށް ސެޕްޓެމްބަރު 9، 2001 ގައި ހުކުމްކޮށްފައިވާތީ އޭނާގެ ކެންޑިޑެސީ ގަބޫލުނުކުރެވޭނެ ކަމަށް ޕާޓީގެ ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ.

މަތިއުތުރު ޕްރޮވިންސްގެ ރައީސްކަން 1513 ވޯޓާއެކު އާދަމް ނަސީރު ކާމިޔާބުކުރައްވައިފަ ވަނިކޮށް އެ ނަތީޖާ ދާއިމީކުރުން އެމްޑީޕީން ފަސްކުރަން ނިންމައިފައިވަނީ، އެ ދާއިރާގެ ވޯޓު އޮޅުވާލުމައި ވާދަކުރެއްވި ބޭފުޅުން މަގާމުގެ ނުފޫޒު ބޭނުންކުރެއްވި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާތީ އެވެ.

ހަތަރު ބޭފުޅުން އެ މަގާމަށް ވާދަކުރެއްވިއިރު އާދަމް ނަސީރާ އެންމެ ގާތުން ވާދަކުރެއްވީ 1311 ވޯޓާއެކު އޯކޭ ޒާހިރެވެ.

މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ބަހެއް މިއަދު ނުލިބުނެވެ.

ނަމަވެސް، އެމްޑީޕީގެ ސެކްރެޓެރީ ޖެނެރަލް ހަސަން ޝާހު ވަނީ، އެންސްޕާ ވަހީދާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅައިފައިވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި މަތިއުތުރު ޕްރޮވިންސްގެ އިންތިހާބާ ގުޅޭ ޝަކުވާއެއް ލިބިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ދާއިމީ ނަތީޖާ މިއަދު 3:00 ގައި އިއުލާންކުރަން ވަނީ ހަމަޖެހިފަ އެވެ. އެހެންނަމަވެސް، އިންތިހާބުގެ ގަވައިދު ބުނާ ގޮތުގައި، ތިން ދުވަހުގެ ތެރޭގައި އެ ނަތީޖާ އިއުލާންކުރަން ޖެހެ އެވެ. އެހެންކަމުން، ނަތީޖާ އިއުލާންކުރުން ލަސްވި މައްސަލައިގައި އެޕާޓީއަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު