މި އަހަރުވެސް ހިއްސާ ނުބަހާ ގޮތަށް އެމްޓީޑީސީން ނިންމައިފި

މިރޭ ބޭއްވި އެމްޓީޑީސީ އަހަރީ އާންމު ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޑީޓީސީ) އަށް މިދިޔަ އަހަރު ލިބުނު މާލީ ފައިދާއިން ހިއްސާދާރުންނަށް ފައިދާ ނުބަަހަން އެ ކުންފުނިން ނިންމައިފި އެވެ.

އެގޮތަށް ކަނޑައެޅީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި އެކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.

އެމްޓީޑީސީން މިދިޔަ މަހުގެ ތެރޭގައި ނެރުނު އެކުންފުނީގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އެ ކުންފުންޏަށް މިދިޔަ އަހަރު ލިބިފައި ވަނީ 93.7 މިލިޔަން ރުފިޔާ އެވެ. ދެހާސްސާދަ ވަނަ އަހަރު އެ ކުންފުންޏަށް އެންމެ 13.6 މިލިޔަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އަހަރު ލިބުނު ފައިދާއަކީ އޭގެ ހަ ގުނަ އިތުރު އަދަދެކެވެ.

ހިއްސާ ނުބަހަން އެ ކުންފުނީގެ ބޯޑުން ނިންމި ނިންމުމަށް 159 ހިއްސާދާރުން ތާއީދު ކުރި އިރު، 105 ހިއްސާދާރުން ވަނީ އެ ނިންމުމާ ދެކޮޅަށް ވޯޓު ދީފަ އެވެ.

އެމްޓީޑީސީން 2014 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާއާ، އޭގެ ކުރީ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ވެސް ނިންމީ ހިއްސާދާރުންގެ މެދުގައި ހިއްސާ ނުބެހުމަށެވެ.

މިރޭ ބޭއްވި އެމްޓީޑީސީ އަހަރީ އާންމު ޖަލްސާގައި އެ ކުންފުނީގެ ހިއްސާދާރަކު ވޯޓްލަނީ -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މިރޭ އެމްޓީޑީސީން ބޭއްވި އަހަރީ އާންމު ޖަލްސާގައި، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުން އިންތިޚާބު ކޮށްފައި ވެ އެވެ.

އިންތިޚާބުވި ޑިރެކްޓަރުންނަކީ:

  • ހުޅުމާލެ ފްލެޓް 01-10 އަލީ މޫސާ،
  • ސ. މީދޫ ހަސަންކާރިގޭ އަހްމަދު ނިޔާޒް،
  • ހ. ޓޫހާޓްސް މުހައްމަދު ފަރުސަތު،
  • ދަފްތަރު 9241 އާރިފް އަބްދުލްސަމަދު،
  • ދަފްތަރު 2613 އަބްދުﷲ ނިޝާމް.

ސަރުކާރުގެ ފަރާތުން ބޯޑަށް އައްޔަނު ކުރެއްވި ހަތަރު ޑިރެކްޓަރުންނަކީ:

  • އެމްޓީޑީސީގެ ޗެއާޕާސަންގެ މަގާމު މިހާރުވެސް އަދާކުރައްވާ އިބްތިޝާމާ އަހްމަދު ސައީދު،
  • އަބްދުﷲ ސުޖާއު،
  • އަލީ ނިޝާން،
  • ފަޒްލީ އަބްދުލްވައްހާބު.

މީގެ ތެރެއިން، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ އަބްދުﷲ ސުޖާއު އެވެ.

މިރޭ ބޭއްވި އެމްޓީޑީސީ އަހަރީ އާންމު ޖަލްސާގެ ތެރޭން -- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ރިޕޯޓުގައި، ޑިރެކްޓަރުން ބުނެފައިވާ ގޮތުން އެމްޓީޑީސީގެ ބެލުމުގެ ދަށުގައި ހަތަރު ރަށެއް ކުއްޔަށް ހިފާފައިވާ އިރު، އޭގެ ތެރެއިން ތިން ރަށެއްގައި ރިސޯޓު ހިންގަމުން ދެ އެވެ. އެއީ ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލް ލަބުއަން ލިމިޓެޑަށް ސަބްލީޒް ކޮށްގެން ބ. ހުރަވަޅީގައި ހިންގާ އަނަންތާރާ ކިހަވަށް ވިލާޒްއާ، ގދ. މަގުދުއާގައި ތުރުކީގެ އަހްމަޓް އައިޑެނީޒް އިންސާޓްއާ ގުޅިގެން ތަރައްގީކޮށް، ހިންގާ އަޔާދާ މޯލްޑިވްސްގެ އިތުރުން އޯ ޕްލަސް އީ ހޯލްޑިންގްސްއާ ގުޅިގެން ދ. އެނބޫދޫފުށި އަދި އޮޅުވެލީގައި ހިންގާ ޕަރ އެކުއަމް ނިޔާމަ މޯލްޑިވްސް އެވެ.

އޭގެ އިތުރުން، ހދ. ނާގޯށީގައި ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏާ އެކު ތަރައްގީ ކުރަމުންދާ ރިސޯޓުގެ 50 ޕަސަންޓު މަސައްކަތް މިހާރު ނިމިފައިވާ އިރު، އެތަނުގައި 600 އެނދުގެ ފައިވް ސްޓާ ރިސޯޓެއް އަންނަ އަހަރުގެ މޭ މަހުގެ ތެރޭގައި ހުޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީޑީސީން ބުނެ އެވެ.

comment ކޮމެންޓް