ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި އިސްލާމިކް ފައިނޭންސް ސެންޓަރުން ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލްކޮށްފި

އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ އައިއައިއެލްއެމްގެ ތިން ވަނަ ރައުންޑް ޓޭބަލް އޮން ލިކުއިޑިޓީ މެނޭޖްމަންޓް ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރައްވާ އެމްސީއައިއެފްގެ ޗެއާމަން، މުނީޒާ (ކ) --- ފޮޓޯ/ އައިޝަތު މުނީޒާ

އިސްލާމިކް ފައިނޭންސްއާ ބެހޭ ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި ރާއްޖޭގެ މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސީއައިއެފް) އިން ބައިވެރިވެއްޖެ އެވެ. މިއީ އެ ސެންޓަރު އުފެދުނު ފަހުން ބައިނަލްއަގްވާމީ ބައްދަލުވުމެއްގައި ރާއްޖެ ތަމްސީލްކުރި ފުރަތަމަ ފަހަރެވެ.

އެމްސީއައިއެފް އިން ބައިވެރިވެފައިވަނީ އިންޓަނޭޝަނަލް އިސްލާމިކް ލިއުއިޑިޓީ މެނޭޖްމަންޓް ކޯޕަރޭޝަން (އައިއައިއެލްއެމް) ގެ ތިން ވަނަ "ރައުންޑް ޓޭބަލް އޮން ލިކުއިޑިޓީ މެނޭޖްމަންޓް" ގެ މަތީ ފެންވަރުގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމަކީ އިންޑޮނޭޝިއާގެ މަރުކަޒީ ބޭންކުންނާއި އިންޓަނޭޝަނަލް އިސްލާމިކް ލިކުއިޑިޓީ މެނޭޖްމަންޓް ކޯޕަރޭޝަނުން އިސްނަގައިގެން މިއަދާ މާދަމާ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބާއްވާ ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ރާއްޖެ ތަމްސީލްކުރުމަށް ރާއްޖޭގެ އެމްސީއައިއެފްގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެކުންފުނީގެ ޗެއާމަން އާއިޝަތު މޫނީޒާއެވެ. ރާއްޖެއަކީ އެ ކޯޕަރޭޝަންގެ މެމްބަރެއް ނޫން ނަމަވެސް، އެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވީ އައިއައިއެލްއެމްގެ ދައުވަތަކަށެވެ.

އިންޑޮނޭޝިއާގައި މިހާރު ކުރިއަށްދާ އައިއައިއެލްއެމްގެ ތިން ވަނަ ރައުންޑް ޓޭބަލް އޮން ލިކުއިޑިޓީ މެނޭޖްމަންޓް ބައްދަލުވުމުގައި އެމްސީއައިއެފްގެ ޗެއާމަން، މުނީޒާ (ކ) އަދި އައިއައިއެލްއެމްގެ ސީއީއޯ އަދި އެމްސީއައިއެފްގެ ބޯޑް ޑިރެކްޓަރު ރިފްއަތު އަހުމަދު އަބްދުލް ކަރީމް (ވ) --- ފޮޓޯ/ އައިޝަތު މުނީޒާ

ޖަކާޓާގައި ހުންނަވައި "ސަން" އަށް މައުލޫމާތު ދެއްވަމުން މުނީޒާ މިއަދު ވިދާޅުވީ، މިފަހަރުގެ ބައްދަލުވުމުގައި އިސްލާމިކް ފައިނޭންސް އިންސްޓްރޫމަންތްތަކުގެ މައުލޫމާތާއި ބައިނަލްއަގްވާމީ ގޮތުން ލިކުއިޑިޓީ މެނޭޖްކުރުމަށް ދިމާވެފައިވާ ގޮންޖެހުން ހައްލުކުރަން ވާހަކަދެކެވި، މަޝްވަރާކުރައްވާނެ ކަމަށެވެ.

ބައްދަލުވުން ހުޅުވުމުގެ ގޮތުން އައިއައިއެލްއެމްގެ ސީއީއޯ ގެ މަގާމް އަދާކުރައްވާ އެމްސީއައިއެފްގެ ބޯޑް ޑިރެކްޓަރު މެލޭޝިއާގެ ޕްރޮފެސަރެއް ކަމަށްވާ ރިޕްއަތު އަހުމަދު އަބްދުލް ކަރީމް ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އިންޓަނޭޝަނަލް އިސްލާމިކް ލިކުއިޑިޓީ މެނޭޖްމެންޓް ކޯޕަރޭޝަން (އައިއައިއެލްއެމް)އަކީ ދުނިޔޭގެ ސެންޓްރަލް ބޭންކުތަކާ މާލީ އިދާރާތަކުގެ އިތުރުން ބައެއް ޖަމްއިއްޔާތައް ގުޅިގެން، 2010 ވަނަ އަހަރުގެ އޮކްޓޫބަރު 25 ގައި އުފެއްދި ކުންފުންޏެކެވެ.

އެކުންފުނީގެ މަގްސަދަކީ ކުރު މުއްދަތެއްކެ ތެރޭގައި، ރަނގަޅު ފެންވަރުގެ މާލީ ޚިދުމަތްތަކެއް އިސްލާމީ ޝަރީޢާއާ އެއްގޮތްވާ ގޮތުގެ މަތިން ފޯރުކޮށްދީ، ގައުމުތަކުގެ މެދުގައި ލިކުއިޑިޓީ މެނޭޖްމެންޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމެވެ.

އެ ކޯޕަރޭޝަންގެ ގަވާނިން ބޯޑުގައި ނުވަ ގައުމެއްގައި ސެންޓަރަލް ބޭންކަކުންނާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް ގްރޫޕުން ހިމެނެ އެވެ.

އެމްސީއައިއެފް އަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވާ ތަރައްގީކުރުމަށާއި ދެކުނު އޭޝިއާ ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ނެރުއްވި ގަރާރެއްގެ ދަށުން މިއަހަރުގެ މާޗް މަހުގެ 24 ވަނަ ދުވަހު އުފެއްދި ސެންޓަރެކެވެ.

comment ކޮމެންޓް