މާލޭގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުރި އިސްތިހާރުތައް ނަގަން ފަށައިފި

ފާރެއްގައި އިޝްތިހާރު ބޯޑުތަކެއް ޖަހާފައި: ހައުސިން މިނިސްޓްރީން ބުނީ އިޝްތިހާރު ބޯޑުތައް ދެން ޖެހޭނީ އެ މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މާލޭގެ އެކި ސަރަހައްދުތަކުގައި އެކި ފަރާތްތަކުން ހަރުކޮށްފައި ހުރި އިސްތިހާރުތައް، ހައުސިންގ މިނިސްޓްރީން ނަގަން ފަށައިފި އެވެ.

ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލޭގެ މަގުތަކާއި ޕާކުތަކާއި މައިދާންތަކާއި އާންމުން އެއްވެ އުޅޭ ތަންތަނަކީ ކުނިބުނިން ރައްކާތެރި، ސާފު ތަންތަނުގެ ގޮތުގައި ބޭއްވުމަށް ސަރުކާރުން އިސްކަން ދޭ ކަމަށެވެ.

މާލޭގައި އިސްތިހާރާ އިއުލާނު ހަރުކުރެވޭނީ، މިދިޔަ އޭޕްރިލް މަހުގެ ހަވަނަ ދުވަހު އަމަލުކުރާން ފެށި މާލޭގެ މަގުމަތީގައި އިޢުލާނާއި އިސްތިހާރު ހަރުކުރުމާބެހޭ ގަވާއިދުގެ ދަށުން، ހައުސިން މިނިސްޓްރީއަށް ހުށަހަޅައި، އެ ފާސްކުރުމަށްފަހު ކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެ. އަދި އިސްތިހާރު ފާސްކުރުމަށް ފޯމު ހުށަހެޅުމުން، އެ ފާސް ކުރާނީ އެކަން ކުރަން ޚާއްސ ކޮމިޓީއަކުން ބެލުމަށްފަހު ކަމަށާއި، އިސްތިހާރު ޖެހުމުގެ ހުއްދަ ލިޔުމުން އެފަރާތަކަށް ދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ، ގަވައިދަށް އަމަލުކުރަން ފެށުމުގެ ގޮތުން، މާލޭގެ އެކި ސަރަހައްދުތަކުގައި މިހާރު ހަރުކޮށްފައިވާ އިސްތިހާރުތައް މިނިސްޓްރީން މިހާރު ނަގަމުންދާ ކަމަށެވެ.

އަދި މިނިސްޓްރީގެ ހުއްދައާ ނުލައި، މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި އެއްވެސް ފަރާތަކުން އިސްތިހާރު ނުޖެހުމަށާއި، މަގުމަތީގައި ހުންނަ ކަރަންޓު ފޮށި، ގަސް، ހޮޅިދަނޑި ފަދަ ތަކެތީގައި އިސްތިހާރު ހަރުކޮށް، ބިންމައްޗަށާއި ސައިކަލު ވަށިގަނޑުތަކަށް އެޅުން ފަދަ ކަންކަން ނުކުރުމަށް ހައުސިންގ މިނިސްޓްރީން އެދިފައި ވެ އެވެ.

މިނިސްޓްރީން ބުނީ، ގަވައިދާ ޚިލާފަށް އިސްތިހާރު ކުރާ ފަރާތްތަކާ މެދު މާލޭގެ މަގުމަތީގައި އިޢުލާނާއި އިސްތިހާރު ހަރުކުރުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގެ ހ އަދި ށ ގެ ދަށުން ފިޔަވަޅު އަޅައި، ޖޫރިމަނާ ކުރާނެ ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ، ގަވައިދާ ޚިލާފު ވެއްޖެ ނަމަ ފުރަތަމަ ފަހަރު ނަމަ 1،000 ރުފިޔާ އަދި 2،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި ދެން ތަކުރާރު ކުރާ ކޮންމެ ފަހަރަކު 2،000 ރުފިޔާއިން ޖޫރިމަނާކޮށް، އެފަރާތެއްގެ އިސްތިހާރު އެއްވެސް ތަނެއްގައި ހިއްޕުމުގެ ހުއްދަ ތިން މަސް ދުވަހަށް ނުދޭނެ ކަމަށެވެ.

comment ކޮމެންޓް