އެޗްއެސްބީސީ އިން 840 މުވައްޒަފުން ކަނޑާލައިފި

އެޗްއެސްބީސީގެ ލަންޑަން ހެޑްކުއާޓާސް -- ފޮޓޯ/ރޮއިޓާސް

ހޮންގްކޮންގް އެންޑް ޝަންހާއީ ބޭންކިންގް ކޯޕަރޭޝަން (އެޗްއެސްބީސީ) އިން އިނގިރޭސި ވިލާތުގައި މަސައްކަތް ކުރާ 840 އައިޓީ ސްޓާފުން ވަޒީފާ އިން ވަކިކޮށްފި އެވެ.

ޔޫރަޕުގެ އެންމެ ބޮޑު ބޭންކް ކަމުގައިވާ، އިނގިރޭސި ވިލާތުގެ އެޗްއެސްބީސީއަށް މާލީ ގޮތުން ދައްކަމުންދާ ގެއްލުންތަކާ ގުޅިގެން، އެ ބޭންކުގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނައުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން، އެކި ގައުމުތަކުގައި އޮޕަރޭޓު ކުރާ އެޗްއެސްބީސީ ބްރާންޗުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަށް އެބޭންކުން ނިންމާފައިވެ އެވެ.

އެޗްއެސްބީސީގެ ސީއީއޯ ސްޓުއާޓް ގަލިވާ ވިދާޅުވީ، އެންމެ ގިނަ މުވައްޒަފުން ވަކިކުރާނީ އިނގިރޭސި ވިލާތުގައި ހުންނަ އެޗްއެސްބީސީ ބްރާންޗުތަކުން ކަމަށެވެ. އިނގިރޭސި ވިލާތާ އަޔަލެންޑުގެ އެންމެ ބޮޑު ޓްރޭޑް ޔޫނިއަން "ދަ ޔުނައިޓް"އިން ބުނާ ގޮތުގައި، މީގެ ތެރެއިން ގިނަ މުވައްޒަފުންގެ ވަޒީފާތައް، ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ހުރި އެޗްއެސްބީސީ ބްރާންޗުތަކަށް އޮފްޝޯ ކުރުމަށް ހަމަޖެހިފަވާ ކަމަށެވެ.

ދަ ޔުނައިޓްއިން ބުނާ ގޮތުގައި، މި އަހަރު ނިމެން ވާ އިރަށް އެޗްއެސްބީސީ އިން އިނގިރޭސި ވިލާތުގައި އެ ބޭންކުގެ 8،000 އަށް ވުރެ ގިނަ ވަޒީފާ އުވާލާނެ އެވެ.

އެޗްއެސްބީސީން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ދަނީ އޮޕަރޭޝަންތަކަށް ބަދަލު ގެންނަމުންނެވެ. އެގޮތުން، އެޗްއެސްބީސީ އިން ރާއްޖޭގައި ވެސް ހިންގާ ބްރާންޗުން ވެސް ހަމައެކަނި ވިޔަފާރިތަކަށް ޚިދުމަތްދޭ ގޮތަށް ހަމަޖައްސާފައިވެ އެވެ. އެއާ އެކު އާންމުންނަށް ޚިދުމަތްދިނުން ހުއްޓާލައި، އާންމުންގެ އެކައުންޓް ބަންދު ކުރުމުގެ ނޯޓިސް ވެސް ދީފައިވެ އެވެ.

comment ކޮމެންޓް