މަޝްހޫރު ލަވަކިޔުންތެރިޔާ، އަބްދުﷲ ވަހީދު ލަވަކިޔުން ހުއްޓާލިކަން އިއުލާނުކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ، އަދި ގާރީ، އަބްދުﷲ ވަހީދު ލަވަކިޔުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ލަވަކިޔުމާ ދުރަށް ގޮސްފައިވާ ވަހީދު ލަވަޔާއި މިއުޒިކާއި ދުރުވެ ވަރަށް ގިނަ ދުވަހު ހުރުމަށްފަހު އޭނާ އެކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ އިއްޔެ ނެރުނު، ސަންއެފްއެމްގެ އިލްމީ ހަޒާނާގެ 100 ވަނަ ޕްރޮގްރާމުގެ ޑީވީޑީއަށް ދިން އިންޓަވިއުއެއްގަ އެވެ.

އިލްމީ ހަޒާނާއަށް ވަހީދު ދިން އިންޓަވިއުގާ ބުނެފައިވަނީ އޭނާ ލަވަކީ ދުވަސްވަރު ވެސް "އެކަމަކީ ސައިތޯނީ ކަމެއްކަން އިހުސާސް ކުރެވޭ" ކަމަށާއި އެއީ ކިހާވަރެއްގެ ކަމެއްކަން އެނގުނީ ފަހުން ވިސްނައިލުމުން ކަމަށެވެ.

"މިއީ ހަމަ ޝައިތޯނީ ކަންތައްތަކަށް މަގުފަހިކޮށްދޭ އެތައް ކަމެއް އެކުލެވިގެންވާ ކަމެއް. މިކަން ކުރަނީ އަންހެން ކުއްޖަކަށް ފޮނިދައްކާލާ ނުނީ ބައެއްގެ ސަޕޯޓް ހޯދާލަން، އެހެން ކުރަމުން ގޮސް މިކަހަލަ އެތައް ކަމެއް އެބަކުރެވޭ،" ވަހީދު ބުންޏެވެ.

ޤުރުއާން މުދައްރިސެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރާ ވަހީދު ބުނީ ލަވަކިޔުމާ ދުރުގައި ހުންނަތާ މިހާރު ދެ އަހަރު ދުވަސް ވެއްޖެ ކަމަށާއި އޭނާ އެކަންތައް ހުއްޓާލީ އެކަމަކީ ރަނގަޅު ކަމެއް ކަމުގައި ނުވާތީ ކަމަށެވެ.

" މާތް ﷲ އިންސާނަކަށް ދެއްކެވީ ދެ މަގު، އެއްގޮތަކީ ޝައިތޯނީ މަގު އަނެއް ގޮތަކީ މާތްﷲ ގެ މަގުން ދިއުން. އެހެންވެ އަޅުގަނޑު ހިފީ ޤުރުއާންގަ،" ވަހީދު ބުންޏެވެ.

ވަހީދަކީ އެމްއީއެސްގެ ދަރިވަރެއްގެ ގޮތުގައި ސްކޫލް ކުދިންގެ ލަވަމުބާރާތުގެ ތެރެއިން މަޝްހޫރުވި ލަވަކިޔުންތެރިއެކެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ އެންޓާރިސް ބޭންޑްގައި ވެސް އޭނާ ވަނީ ގިނަ ލަވަތަކެއް ކިޔައިދީފަ އެވެ. ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރު ޝާނޫގެ އަޑުން ލަވަކިޔާ ވަހީދު ވަނީ ގިނަ ބައެއްގެ މަޤްބޫލްކަން ވެސް ހޯދާފަ އެވެ.

އިލްމީ ހަޒާނާގެ 100 ވަނަ ޕްރޮގްރާމް ފާހަގަކުރުމަށް މިދިޔަ މަހު ދަރުބާރުގޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މިހާރުވެސް ލަވަކިޔުމާ ދުރުގައި ހުރި އަލީ ރަމީޒު ވަނީ ދެން ދުވަހަކު ވެސް ލަވަނުކިޔާނެ ކަމަށް ބުނެފަ އެވެ. މީގެއިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް ލަވަކިޔުންތެރިން ކަމުގައިވާ އަބްދުލް ބާރީއާއި ޓްރިއޯ ބޭންޑްގެ މޫސާ ޝިފާއު އާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒުގެ ކޮއްކޮ އިބްރާހިމް ރަމީޒްވެސް ވަނީ ލަވަކިޔުން ހުއްޓާލާފައިވާކަން ރަސްމީކޮށް އިއުލާންކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު