ކަނޑުހުޅުދޫގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމު ކުރަނީ

ކަނޑުހުޅުދޫގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށް ކްލާސްތައް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ: ޕީއެސްއެމް

ގއ. ކަނޑުހުޅުދޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމު ކުރުމަށް އެރަށު ކައުންސިލާއި އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ކަނޑުހުޅުދޫގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމްކޮށް، ކޯސްތައް ހިންގަން ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީ ކީރިތިޤުރުއާނާ ބެހޭ މަރުކަޒުގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެމަރުކަޒުގެ ރައީސް އިބުރާހީމް ރަޝީދު މޫސާއެވެ. އަދި ކަނޑުހުޅުދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމް އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ކަނޑުހުޅުދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހީމް ވިދާޅުވީ، ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފި ހުޅުވިގެންދާނީ އެރަށުގައި ކުރިން މިސްކިތެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތުގައި ކަމަށެވެ.

އަދި އެ ކްލާހުގައި ދަތި ކަމެއް ނެތި އެއްފަހަރާ 60 ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަމަށާއި ކުލާހުން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅަށް ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު އިބްރާހީމް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ކޯހުގައި ކިޔަވައިދޭނެ މުދައްރިސުން ހަމަޖެއްސުމުގެ މަސައްކަތް ކަމަށާއި ކުރިއަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ކިޔަވައިދިނުން ފެށޭނެ ކަމަށެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ މިހާތަނަށް 14 ރަށެއްގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވައި 5 ރަށެއްގައި ކްލާސްތައް ފަށައިފަ އެވެ. އެ ކޯސްތައް ހިންގަނީ ސަރުކާރުގެ ހަރަދުގަ އެވެ.

comment ކޮމެންޓް