ފަންޑުގައި ފަސް ބިލިޔަން ރުފިޔާ އެބަހުރި، ބޭރުގައި އިންވެސްޓް ކުރެވިދާނެ: ޕެންޝަން އޮފީސް

ފައިނޭންސް ފޯރަމް 2015 ނިންމުމަށްފަހު ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު

ރާއްޖޭގެ ޕެންޝަން ފަންޑަށް އަހަރަކު 800 މިލިޔަން ރުފިޔާ އިތުރުވެ، މިހާރު އެ ފަންޑުގައި ފަސް ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ހުންނާނެ ކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އެ އޮފީހުން އިސްނަގައިގެން ބުދަ ދުވަހު ކުރިޔަށް ގެންދިޔަ މޯލްޑިވްސް ފައިނޭންސް ފޯރަމް 2016 ގެ ހަވާސާގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން، މަނިކު ވިދާޅުވީ، ޕެންޝަން އޮފީހުގެ ވިސްނުމަކީ ޕެންޝަން ފައިސާއިން މިހާރު ކުރެވޭ ކަންތައްތަކަށް ވުރެ އިތުރު ޕްރޮޑަކްޓްތަކަކަށް މަގުފަހި ކުރުން ކަމަށެވެ.

"މިހާރު މި ލެވެނީ ޓީބިލްގައި ސަރުކާރުގައި އިންވެސްޓް ކުރުމާ، ކެޕިޓެލް މާކެޓުގައި ލިސްޓުކުރެވޭ ސެކިއުރިޓީއަކަށް އިންވެސްޓް ކުރުން. އޭގެ އިތުރަށް ތަފާތު ޕްރޮޑަކްޓްތަކެއް ޕެންޝަން އޮފީހަށް ލިބެންޖެހޭ،" އޭނާ ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ، ޕެންޝަން ފަންޑަށް ފަސް އަހަރު ވެފައިވާ އިރު، ކޮންމެ އަހަރަކު 800 މިލިޔަނަށް ވުރެ ފައިސާ އެ ފަންޑަށް އިތުރުވާ ކަމަށާއި، މިހާރު ފަސް ބިލިޔަނަށް އަރާފައިވާ ކަމަށެވެ.

ޕެންޝަން ފަންޑަށް ކޮންމެ މަހަކު ވެސް މުވައްޒަފުގެ އަސާސީ މުސާރައިގެ ހަތް ޕަސަންޓާ، އެ އަދަދަށް ވާ ފައިސާ މުވައްޒަފަށް ވަޒީފާ ދިން ފަރާތުން ދޭ ފައިސާ ޖަމާ ކުރެ އެވެ. ޕެންޝަން ސްކީމުގައި ރާއްޖޭގައި ވަޒީފާ އަދާކުރާ 86،000 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެ އެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މަނިކު ވިދާޅުވީ، ޕެންޝަން ފަންޑުން ބޭރު ގައުމުތަކުގައި އިންވެސްޓް ކުރުމަށް ޕެންޝަން ގާނޫނުން ހުއްދަ ދޭ ކަމަށެވެ. އަދި އެކަމާ ބެހޭ ދިރާސާތަކެއް ހެދެމުން ދިޔަ ނަމަވެސް، އެކަންކަން ކުރުމަށް ޑޮލަރު ލިބެންޖެހޭ ކަމަށެވެ.

"ފައިނޭންޝަލް ސެކްޓަރު މެކްރޯ އިޝޫޒްތަކެއް ހަމަޖެހެންޖެހޭ. އަޅުގަނޑުމެންނަށް ޑޮލަރު އެބަ ބޭނުންވޭ ބޭރުގައި އިންވެސްޓް ކުރަން. އެކަމަކު ޑޮލަރު ގަންނަން ނުކުމެއްޖިއްޔާ މާކެޓަށް ލޮޅުންތަކެއް އަންނާނެ،" މަނިކު ވިދާޅުވި އެވެ.

އެހެން ނަމަވެސް، މަނިކު ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް ޕެންޝަން ފަންޑަކުން ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެގައުމެއްގެ ތަރައްގީއަށް ކަމަށާއި، ތަފާތު އިންވެސްޓްމެންޓްތަކަށް ފައިސާ ރައްކާ ކުރުމުގެ ގޮތުން ބޭރުގެ ގައުމުތަކުގައި ވެސް އިންވެސްޓް ކުރުމުގެ ހުއްދަ އެ ފަންޑުތަކަށް ދީފައިވާ ކަމަށެވެ.

"އެހިސާބަށް ދިޔައިމަ އަޅުގަނޑަށް ހީވަނީ އެކަންކަން ވެސް ފަހިވެގެން ދާނެހެން. އެކަންކަން ކުރުމަށް ކުރަންޖެހޭ ދިރާސާތަށް، ކަމުގެ މާހިރުންނާ ގުޅިގެން ކުރަމުން އެބަ ގެންދަން،" މަނިކު ވިދާޅުވި އެވެ.

comment ކޮމެންޓް