މާލޭގެ ކުނި އުކައިދީ ކުނިން ކަރަންޓް އުފެއްދުމުގެ އެއްބަސްވުމެއްގައި މާލޭ ސިޓީ ކައުންސިލުން ސޮއިކޮށްފި

މާލޭގައި އުފައްދާ ކުނި އަންދައިގެން ކަރަންޓް އުފެއްދުމާއި ކުނީގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ރިސައިކަލް ކުރުމުގެ އެއްބަސްވުމެއްގައި ބޭރުގެ ކުންފުންޏަކާއި އެކު މާލޭ ސިޓީކައުންސިލުން މިއަދު ސޮއިކޮށްފި އެވެ. ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މާލޭގެ މޭޔަރު ސަރަނގު އާދަމް މަނިކެވެ.

އިންޑިޔާގެ ކުންފުންޏެއްކަމަށްވާ ޔޫއީއީއެލް ( ޔޫޕީއެލް އެންވަޔަރުމެންޓަލް އިންޖިނިއާސް) އާއި ޖަރުމަނުގެ ކުންފުންޏެއްކަމަށްވާ އާރްއީއީއެލް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުނި ނައްތާލުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޔޫއީއީއެލް ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ސުކެޓް ޝާހު އެވެ.

ފިނޭންސް މިނިސްޓްރީން ހަރަދުކުރުމަށް ހަމަޖެހިފައިވާ މި އެއްބަސްވުމުގެ ދަށުން ޔޫއީއީއެލް ކުންފުނިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތަކީ މާލޭގައި އުފެދޭ ކުނި ތިލަފުއްޓަށް ގެންގޮސް އޭގެ ތެރޭގައި ހިމެނޭ އަލުން ބޭނުންކުރެވޭ، ޕްލާސްޓިކާއި މައުދަންތައް ފަދަ ކުނި އަލުން ބޭނުންކުރެވޭގޮތް ހެދުމާއި އެނޫން ކުނި އަންދައިގެން ކަރަންޓް އުފައްދާ ސްޓެލްކޯއަށް ކަރަންޓް ވިއްކުން ކަމަށް ޕްރޮޖެކްޓްގެ ކަންތައް ވިލަރެސްކުރެއްވުމުގައި އިސްކޮށް އުޅުއްވާ އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ ވިދާޅުވި އެވެ.
މިއަދު އެއްބަސް ވުމުގައި ސޮއިކުރި މަޝްރޫއު އޫއީއީއެލްއާ ހަވާލުކުރި ގޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރާޒީ ވިދާޅުވީ މިކަމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް 2009 ވަނަ އަހަރު އިއުލާންކުރުމާ ގުޅިގެން 15 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށާއި އަދި އޭގެ ތެރެއިން 12 ފަރާތްތަކުން ބީލަން ހުށައެޅި ކަމަށެވެ. އަދި ޔޫއީއީއެލްއާ މަޝްރޫއު ހަވާލުކުރީ ބިޑް އިވެލުއޭޓްކުރުމަށް ފަހު އެންމެ ރަނގަޅު ހުށައެޅުމެއް ހުށައެޅީ އެކުންފުނި ކަމަށްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއްބަސް ވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭގެ މޭޔަރު ސަރަނގުއާދަމް މަނިކު ވިދާޅުވީ މާލޭސިޓީކައުންސިލަށް ބަޖެޓް ލިބެންދެން ކުނިނައްތާލުމުގެ މަޝްރޫއަށް ހަރަދުކުރާނީ މިނިސްޓްރީ އޮފް ނިނޭންސުން ކަމަށެވެ.

މާލޭގެ ކުނިނައްތާލުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމުގައި ދިވެހިސަރުކާރަށް އެހީތެރިވީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ކަމަށް ވާތީ އެކޯޕަރޭޝަނަށް އާދަމް މަނިކު ޝުކުރު އަދާކުރެއްވިއެވެ.

މާލޭގެ ކުނިނައްތާލުމާ ހަވާލުވި ޔޫއީއީއެލްއިން އެމަސައްކަތުގެ އެމައްސަކަތުގެ އަމަލީ މަސައްކަތް ހަމަސްދުވަހުގެ ތެރޭގައި ފަށައި އެމަސައްކަތަށް ބޭނުންވާ ހުރިހާ ކަމެއް ދެއަހަރުދުވަހުގެ ތެރޭގައި ފުރިހަމަ ކުރުމަށް ވަނީ އެއް އެއްބަސްވެފައެވެ. އެކުންފުންޏާ އެމަސައްކަތް ހަވާލުކޮށްފައި ވަނީ 25 އަހަރު ދުވަހުގެ މުއްދަތަކަށެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު