އާއްމު ތަންތާގައި ވާހަކަދެއްކުމަށް ހުނަރުވެރިވެ ފަރިތަވާންޖެހޭ: މައުމޫން

ވާހަކަދެއްކުމާއި މަޒުމޫނު ލިޔުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާއްމު ތަންތަނުގައި ވާހަކަދެއްކުމުގެ ހުނަރަކީ ބަހުގެ އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ މުހިއްމު ހުނަރެއް ކަމަށާއި އެކަމަށް ހުނަރުވެރިވެ ފަރިވާންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ވާހަކަދެއްކުމުގެ 31 ވަނަ ގައުމީ މުބާރާތާއި މަޒުމޫން ލިޔުމުގެ 32 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިސްލާމީ މަރުކަޒުގެ ރޭ ބޭއްވި ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އާއްމު ތަންތަނުގައި ވާހަކަދެއްކުމަކީ ގިނަ ބަޔަކު ކުރަންޖެހޭ ކަމެއް ކަމަށެވެ.

"..ދެއްވަން ބޭނުންވާ އިރުޝާދުތައް ދެއްވަމުން ގެންދަވަނީ ޕަބްލިކް ސްޕީކިންގެ ވަސީލަތް ބޭނުން ކުރައްވައިގެން. މިއީ އަޅުނގަޑުމެން ގިނަ ބަޔަކު ކުރަންޖެހިފަ އޮންނަ ކަމެއް. އެކަންކަން ކުރެވޭނީ އެކަންކަންތަކަށް ފަރިތަވެ، ހުނަރުވެރިވެ އެކަންކަން ކުރަންވީ ގޮތް ދަސްކޮށްގެން،" ރައީސް މައުމޫން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ވާހަކަދެއްކުމަކީ މާތްﷲ އިންސާނުންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ. އަދި ގަދީމީ ޒަމާނުއްސުރެ ވެސް ބޭނުންކުރަމުން އަންނަ އެ ފަންނަށް މިޒަމާނަށް އައިއިރު ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އެގޮތުން، މިޒަމާނުގެ ވާހަކަދެއްކުމުގައި މައުލޫމާތު ހިއްސާކުރުމާއި އަޑު އަހާ މީހުންގެ ވިސްނުމާއި ހިޔާލާއި ފިކުރު ބަދަލުކުރުމަށް މަސައްކަތްކުރުން އަދި އަޑު އަހާ މީހުންގެ ސަމާލުކަން ދެމެހެއްޓުމަށް ކޮންމެ ވެސް ވަރަކަށް ސަމާސާގެ ބޭނުންކުރުމަކީ މުހިއްމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެ ބައިތައް ބޭނުންކުރެއްވި އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވާހަކަދެއްކުން ތެރިއަކީ ދިވެހި އަދަބިއްޔާތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އަދީބު، މަރުހޫބް އިބްރާހިމް ޝިހާބް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

އިބްރާހިމް ޝިހާބަކީ ވާހަކަދެއްކުމުގެ ތިން ބައި ހިމަނުއްވައިގެން މީހުންގެ ހިޔާލާއި ފިކުރު ބަދަލުކުރެއްވުމުގެ ކުޅަދާނަކަން ހުރި އަދި ވަރަށް ސަމާސާ އަދަބުގެ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުނގަޑު އިން ވަރަށް މުހިއްމު ގައުމީ ޖަލްސާއެއްގައި އެއީ ކޮންމެވެސް ބޭރު ގައުމެއްގެ ވެރިއަކު، އެބޭފުޅެއްގެ ގާޑުންގެ ގޮތުގައި ތިބި މީހަކު ބަޑިޖަހާ މަރާލި ވާހަކަ. އެ ވާހަކަ ވިދާޅުވީ އައްޑޫ އަތޮޅުގައި ބޭއްވި ގައުމީ ބޮޑު ޖަލްސާއެއްގައި. އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، އެބޭފުޅަކު ހުންނެވި ގެއިން ނުކުމެވަޑައިގެން އޮފީހަށް ވަޑައިގަންނަވަނިކޮށް އެބޭފުޅެއްގެ ހަށިފާރަވެރިއަކަށް ހުންނެވި ބޭފުޅަކު 'ޓޮއް' އެ ނިމުނީ އެ ހިސާބުން،" އިބްރާހިމް ޝިހާބްގެ ސަމާސާ އަދަބެއް ހިއްސާކުރަމުން ރައީސް މައުމޫން ވިދާޅުވި އެވެ.

comment ކޮމެންޓް