ދިވެހިންނަށް ކެލިގްރަފީ ދަސްކޮށްދޭން ޗައިނާގެ މާހިރުންތަކަކާއެކު ވޯކްޝޮޕްތަކެއް ފަށައިފި

ކެލިގްރަފީ ދަސްކޮށްދިނުމުގެ ވޯކްޝޮޕްގެ ތެރެއިން --- ފޮޓޯ/ ސީއެމްސީއޭ

ފިހިން ބޮޑު އަކުރު އެޅުން ނުވަތަ ކެލިގްރަފީގެ މަސައްކަތް ދިވެހިންނަށް ދަސްކޮށްދިނުމަށް އެކަމާ ގުޅޭ ޗައިނާގެ މާހިރުންނާއެކު ރާއްޖޭގައި ހާއްސަ ވޯކްޝޮޕްތަކެއް ފަށައިފި އެވެ.

އެ ވޯކްޝޮޕްތައް ހިންގަނީ، ރާއްޖޭގެ ނެޝަނަލް ސެންޓަރު ފޯ ދި އާޓްސް (އެންސީއޭ) އާއި ޔުނައިޓެޑް އާޓިސްޓްސް އޮފް މޯލްޑިވްސް (ޔޫއޭއެމް) އަދި ރާއްޖޭގައި ރަޖިސްޓްރީ ވެގެން ހިންގާ ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގުޅިގެންނެވެ.

ވޯކްޝޮޕްތަކާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން ސީއެމްސީއޭގެ ކޯ ފައުންޑަރު އަލީ ވަހީދު ވިދާޅުވީ، ކެލިގްރަފީ ބޭނުންކޮށްގެން ތާނަ އަކުރާއި އަރަބި އަކުރު އެޅުމަށް ދަސްކޮށްދޭ އެ ޕްރޮގްރާމަކީ އެންސީއޭ އާއި ޔޫއޭއެމް އަދި ސީއެމްސީއޭ ގުޅިގެން ހިންގާ ފުރަތަމަ އެފަދަ ޕްރޮގްރާމް ކަމަށެވެ.

ކެލިގްރަފީ ދަސްކޮށްދިނުމުގެ ވޯކްޝޮޕްގެ ބައިވެރިންނާއި ކިޔަވައިދެއްވާ މާހިރުން ފޮޓޯއަކަށް ހުއްޓިގެން --- ފޮޓޯ/ ސީއެމްސީއޭ

ވޯކްޝޮޕުގައި ކެލިގުރަފީ ކިޔަވައިދޭނީ ޗައިނާގެ ޝާންޒީ ހަން ތަންގް ކަލްޗަރަލް ކްރިއޭޓިވް އިންސްޓިޓިއުޓްގައި ކިޔަވައިދެއްވާ ކެލިގްރަފީގެ އިސް 10 މާހިރުން ނެވެ. އަދި ވޯކްޝޮޕް މާލޭގެ އިތުރުން އައްޑޫ އަތޮޅާއި ރ. އަތޮޅުގައި ވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

ނެޝަނަލް އާޓްސް ގެލަރީގައި މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ވޯކްޝޮޕްގައި 32 ދިވެއްސަކު ބައިވެރިވާއިރު، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ކުރިއަށްގެންދާ ވޯކްޝޮޕުގައި ގާތްގަނޑަކަށް 20 ދިވެހިން ބައިވެރިވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

comment ކޮމެންޓް