ތަކެތި ނުލިބިގެން ޒިކާ ސާމްޕަލްތައް ނުފޮނުވިފައި!

މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޒިކާ ވައިރަސް ރާއްޖޭގައި ފެތުރިފައިވޭތޯ ބެލުމަށް އާންމު ރައްޔިތުންގެ ހަށިގަނޑުން ނެގި ސާމްޕަލް ތައް ފޮނުވުމަށް ބޭނުންވާތަކެތި ނުލިބިގެން އަދިވެސް ފޮނުވިފައިނުވާ ކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭގެ ކޮމިއުނިކަބަލް ޑިސީސް ކޮންޓުރޯލް ހެޑް ޑރ. ފާތުމަތު ނަޒުލާ ރަފީގު މިއަދު ސަން އަށް ވިދާޅުވީ މިހާތަނަށް ސާމްޕަލް ނެގުނީ މަދުން ކަމަށާއި ބޭނުންވާތަކެތި ނުލިބިގެން އެކަން ވަނީ ހުއްޓިފައި ކަމަށެވެ. ނެގުނު ސާމްޕަލްތައް ވެސް ބޭނުންވާ އާލާތްތައް ނުލިބިގެން ޓެސްޓްކުރުމަށް ބެންކޮކަށް ނުފޮނުވިވާ ކަމަށް ވިދާޅުވި އެވެ.

ޔޫރިން ސާމްޕަލް ފޮނުވަންޖެހެނީ ގަނޑުކޮށްގެން ކަމަށްވާތީ ނުލިބިގެން އުޅެނީ އެކަމަށް ބޭނުންވާ އާލާތްތަކެވެ.

ޑރ. ނަޒުލާ ވިދާޅުވީ ޑަބްލިޔުއެޗްއޯ މެދުވެރިކޮށް ތަކެތި ލިބޭތޯ ބަލަމުން އަންނަ ކަމަށާއި އެބޭފުޅުން ބަލަމުން އަންނަނީ ރޯދައިގެ ކުރިން ސާމްޕަލްތައް ފޮނުވޭނެ ކަމަށް ކަމަށެވެ.

ސާމްޕަލް ނަގަނީ ތިރީގައި މިވާ އަލާމާތްތައް ފެންނަ މީހުންގެ ގައިން:

އާދައިގެ ހުމެއް ހުރުން

އާންމުކޮށް ލޯރަތްވުން

ގައިގައި ރަތް ބިހިނެގުން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހެޑްއޮފް ސަވައިލެންސް އިބްރާހިމް ނިޝާން އަހުމަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަކި އަލާމާތްތަކެއް ފެންނަ ފަރާތްތަކުގެ ސާމްޕަލް ނަގައި ޒިކާ ވައިރަސްތޯ ޓެސްޓުކުރުމަށް ބެންކޮކަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ޒިކާ ވައިރަސް ފެނިފައި ނުވާ ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ.

ޒިކާ ވައިރަސްއަކީ ޑެންގީ އާއި އެއް އާލައިލާއެއްގެ ވައިރަސްއެކެވެ. އެ ބަލީގެ އަލާމާތްތައް ޑެންގީގައި ފެންނަ ފަދައިން ހުން އައުމާއި ގައިގައި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހިތައް ނެގުމާއި ލޯ ރަތްވުމާއި ހުޅުހުޅުގަޔާއި ބޮލުގައި ރިއްސުން ހިމެނެ އެވެ. ޑެންގީ ބަލީގައި ހުން ގަދަވުމާއި ވަރު ދެރަވުމާއި އެޑްމިޓް ކުރަން ޖެހޭ މިންވަރު މިބަލީގައި ދަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. އެ ބައްޔަށް ހާއްސަ ފަރުވާއެއް އަދި ރައްކާތެރިވުމަށް ވެކްސިނެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މަދިރިން ޖެހޭ ބަލިތަކުން ސަލާމަތް ވުމަށްޓަކައި މަދިރި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ލަފާދެ އެވެ.

comment ކޮމެންޓް