ވީޑިއޯ ރިކޯޑު ކޮށް، ވީޑިއޯ ބެލޭ ކޮންޓެކްޓް ލެންސް ސޮނީ އިން އުފައްދަނީ

ވީޑިއޯ ރިކޯޑު ކުރުމާއި ވީޑިއޯ އާއި އެހެނިހެން ތަކެތި ބެލޭ ޑިސްޕްލޭއެއް ހިމެނިފައި ހުންނަ ކޮންޓެކްޓް ލެންސެއް ތައްޔާރު ކުރަމުންދާ ކަމަށް ސޮނީ އިން ބުނެފި އެވެ.

ސޮނީ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މި ލެންސުގައި އިލެކްޓްރޯލުމިނިސެންސް ޑިސްޕްލޭއެއް ހިމެނޭ އިރު، އޭގެ ޒަރިއްޔާ އިން ވީޑިއޯ، ފޮޓޯ އަދި އެހެނިހެން އެއްޗެހި ވެސް ބަލައިލެވޭނެ އެވެ. އޭގެ އިތުރުން ލެންސުގައި ވީޑިއޯ ރިކޯޑަރެއް ވެސް ހިމެނޭ އިރު، އެ ރިކޯޑަރަށް އަލި ވަންނަ މިންވަރާއި ފޯކަސްއާއި މިފަދަ ފީޗާތައް ވެސް ހިމެނެ އެވެ.

ސޮނީ އިން ބުނާ ގޮތުގައި، މި ލެންސްގެ ކެމެރާއާއި ވީޑިއޯ ޕްލޭޔާ ކޮންޓްރޯލު ކުރަނީ ލޮލުގެ އެސްފިޔަ ޖަހައިގެންނެވެ. އެގޮތުން، އެސްފިޔަ ޖެހުމަށް ހޭދަކުރާ ވަގުތު ދެނެގަތުމަށް އޭގައި ސެންސަރުތަކެއް ހަރުކޮށްފައި ހުރެ އެވެ. މީގެ އިތުރުން، ވީޑިއޯގެ މަންޒަރުތަކުގެ އޮރިއެންޓޭޝަން ރަނގަޅުކޮށް، ސީދާ ކުރުމަށް ޓަކައި ގައިރޯއެއް ވެސް މީގައި ހިމެނޭނެ އެވެ.

ސޮނީއިން މިފަދަ ޕްރޮޑަކްޓެއް އިއުލާނު ކުރި ނަމަވެސް، މީގެ ކުރިން ސެމްސަންގް އިން ވެސް ވަނީ ހަމަ މިފަދައިން މަސައްކަތް ކުރާ ލެންސެއް އުފައްދަން އުޅޭކަން އިއުލާނު ކޮށްފަ އެވެ.

އަދި، ސްވިސް ފެޑެރަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން، ޒޫމް ކުރެވޭ ލެންސެއް ވެސް އުފައްދާފައިވާ އިރު، އިރުގެ ހޫނުން އުފައްދާ ހަކަތައިން މަސައްކަތް ކުރާ ލެންސެއް ގޫގްލްއިން އުފައްދާފައިވެ އެވެ.

comment ކޮމެންޓް