މައުމޫނަކީ ސިޔާސީ ވާދަވެރި ފަރާތް، މައުމޫން ހިފާ ހައްޔަރެއް ނުކުރެވޭނެ: ރައީސް ނަޝީދު

ޑީއާރްޕީގެ ޒައީމް އަދި ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމަކީ ސިޔާސީ ވާދަވެރި ފަރާތް ކަމަށާއި އެމަނިކުފާނު ހިފާ ހައްޔަރު ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެޖެ އެވެ.
ސަރުކާރުން އިންސާފު ހޯދުމަށް މަސައްކަތްތަކެއްކޮށްދެއްވާފައި ނުވާ ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑު ވިދާޅުވެ އެމްޑީޕީގެ ޖަލްސާއިން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ރީކޯ މޫސާ މަނިކު ރޭ ނުކުމެވަޑައިގަތުމާ ގުޅިގެން އެ ޖަލްސާ ނިންމަވާލައްވަމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ "ވަޅި ހަނުލައިގެން އިންސާފު ނުހޯދޭނެ" ކަމަށާއި ސަރުކާރުން ބަދަލު ހިފަން ބޭނުން ނުވާ ކަމަށެވެ. އަދި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި އެނގިގެންދިޔައީ މައުމޫންއަކީ ސިޔާސީ ވާދަވެރި ފަރާތްތަކަމަށާއި އެފަރާތް ހިފާ ހައްޔަރު ނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އިންތިހާބުގައި ބައިވެރިވެފައި، އިންތިހާބުގެ ނަތީއްޖާ ނިމުނީމާ ވާދަވެރި ފަރާތް ހިފާ ހައްޔަރެއް ނުކުރެވޭނެ. އެއްވެސް މީހަކު ހިފާ ހައްޔަރު ކުރަންޖެހޭނީ އަޅުގަނޑުމެން ސީދާ ޝަރުއީ ހަމަތަކުގެ މަތިން... ބައެއް ބޭފުޅުން ހަމައިން ނައްޓައި އަޅުގަނޑުމެންގެ މި މަސައްކަތަށް ހުރަސް އަޅަށް އުއްޅުއްވައިފާނެ. އޭގެ މާނައަކީ އަޅުގަނޑުމެން އެ މަގަށް ދިއުމެއް ނޫން،" ރީކޯ މޫސާ މަނިކަށް ރައްދު ދެއްވައި ރައީސް ވިދާޅުވި އެވެ.

މައުމޫން ހައްޔަރު ނުކުރާތީ އެމްޑީޕީގެ މެންބަރުންގެ ހިތުގައި ސުވާލު އެފެދޭ ކަން އެނގިވަޑައިގަންނަވާ ކަމަށާއި ފުރަތަމަ އިންސާފު ހޯދޭނީ ޝަރުއީ ނިޒާމް ތަރައްގީކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާގެ ހާލަތު މިހާރު ހުރި ގޮތުން 2008 އަހަރުގެ ކުރީގައި ހިނގާފައިވާ ކަންތައްތަކުގެ އިންސާފު ހޯދުމުގެ މަސައްކަތް ފެށޭނީ ވެސް 2013 ގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މޫސާ މަނިކު ވިދާޅުވި ވާހަކަ އެންމެ ރަގަނޅަށް އިނގޭނީ ތިމަން މަނިކުފާނަނަށް ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ޝަރުއީ ދާއިރާގެ ތެރެއިން އިންސާފު ހޯދޭނީ ވަކި މަރުހަލާތަކަކުން ކަމަށެވެ. އަދި އެމްޑީޕީން ފުތަމަ ވެރިކަމުގެ ނިޒާމް ސިޔާސީ ނިޒާމް ރާއްޖޭގައި ހަރުދަނާ ކޮށް އޭގެ ފަހުން އިގްތިސާދީ އަދި މާލީ ނިޒާމް ރަގަނޅު ކުރުމަށް ފަހު ދެން އޮތީ ޝަރުއީ ނިޒާމް ހަމަޔަކަށް އެޅުވުން ކަމަށާއި އެކަންތައް ކުރެވޭނީ "އަރައިގަނެގެން" ނޫން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން މައުމޫން ހައްޔަރު ކުރައްވަން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ، ޖަލްސާގައި މޫސަ ވިދާޅުވީ "މަގާމުތަކަށް ސަވާރުވެވުނީމަ ތިބެނީ" ރައްޔިތުންނަށް އިންސާފު ހޯދައި ނުދީ ކޮންމެ މީހަކު ވެސް ހުންނަނީ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު