ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ޝައުގުވެރިވާ ރަށެއް ހޯދަނީ

ނުވެމްބަރ 21، ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން "މަސްވެރިންނާއި ދަނޑުވެރިންގެ ހަވީރު" ނަމުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާ ތެރެއިން -- ސަން ފޮޓޯ/ފަޔާޒު މޫސާ

މި އަހަރުގެ ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރަން ބޭނުންވާ ރަށްރަށުގެ ކައުންސިލްތަކުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއަށް ޝައުކުވެރިކަންފާޅު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަނީ މާލެއިން ދެކުނުގެ ރަށްރަށަށް ކަމަށެވެ.

އެ ރަށަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް މި އަހަރު ތެރޭ ފާހަގަކުރާ ރަށަކަށް ވެގެން ނުވާނެ ކަމަށާއި، މީގެ ކުރިން ދަނޑުވެރިންގެ ދުވަސް އެ ރަށެއްގައި ފާހަގަކޮށްފައިވާނަމަ، އޭގެ ފަހުން ފަސް އަހަރު ވެފައި ވާން ޖެހޭ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މިނިސްޓްރީން ބުނީ، ދަނޑުވެރިންގެ ދުވަސް ބާއްވާ ރަށެއްގެ އުމްރާނީ ތަރައްގީއަށް މާލީ ގޮތުން އެހީތެރިވެދިނުމުގެ ބަދަލުގައި މިނިސްޓްރީން ޚަރަދު ކުރާނީ ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި އެ ރަށެއްގައި ކުރެވޭނެ ކަންކަން ކުރުމަށް ކަމަށެވެ.

އެގޮތުން، ދަނޑުވެރިންގެ ދުވަހާއި ގުޅުންހުރި ޙަރަކާތްތަކާއި ދަނޑުވެރިކަމުގެ ޞިނާއަތު ކުރިއެރުވުމަށް ހިންގާ ތަފާތު ޕްރޮގްރާމުތައް މި ދުވަސް ފާހަގަކުރުމަށް ކަނޑައަޅާ ރަށުގައްޔާއި އެ ރަށެއް ހިމެނޭ އަތޮޅުގެ އެހެން ރަށްރަށަށް އަމާޒުކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ދަނޑުވެރިކަމުގެ ދުވަސް ފާހަގަ ކުރަން ޝައުގުވެރިވާ ރަށްތައް އިވެލުއޭޓު ކުރުމުގައި ބަލާ މިންގަނޑުތަކުގެ ތެރޭގައި، އެ ރަށެއްގައި ދަނޑުވެރިކަން ކުރާ މިންވަރާއި، އެ ދުވަސް ފާހަގަކޮށްގެން އެރަށަށް ލިބެން ބޭނުންވާ ކުރިއެރުންތަކާއި، މެހެމާނުން ތިބުމަށް ދެވޭނެ ޖާގަ އާއި، މެހެމާނުން ތިބުމަށް ހަމަޖެހޭ އިންތިޒާމުގެ އަގާއި، ރަށުގައި ބަނދަރެއް އޮތުމާއި، ރަށަށް އަރައި ފޭބުމުގެ ފަސޭހަކަމާއި، އެކިއެކި ޚިދުމަތްތައް ހިލޭ ދެވެން އޮތް މިންވަރު ހިމެނެ އެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލުތަކުން އެކަމަށް އެދި ފޯމު ހުށަހަޅާން ޖެހޭ ފަހު ތާރީޚަކީ އަންނަ މަހުގެ 22 ދުވަހެވެ.

މިދިޔަ އަހަރު ގައުމީ ފެންވަރުގައި ދަނޑުވެރިންގެ ދުވަހާއި މަސްވެރިންގެ ދުވަސް ވެސް ފާހަގަކޮށްފައި ވަނީ މާލޭގަ އެވެ.

comment ކޮމެންޓް