ސްކިލް ޓްރެއިނިން ސެންޓަރުން ހާފިޒު އަހުމަދު ސްކޫލަށް ބައެއް ތަކެތި ހަދިޔާކޮށްފި

ސްކިލް ޓްރެއިނިން ސެންޓަރުގެ ފަރާތުން ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލަށް ތަކެތި ހަދިޔާކުރަނީ --- ފޮޓޯ/ އެސްޓީސީ

ސްކިލް ޓްރެއިނިން ސެންޓަރު (އެސްޓީސީ)ގެ ފަރާތުން ފުވައްމުލަކުގައި ހުންނަ ހާފިޒު އަހުމަދު ސްކޫލުގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުން ކިޔަވަމުންދާ ޔުނިޓަށް ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

އެސްޓީސީގެ ފައުންޑާ ދިމްނާ ފާކިރު މިއަދު ސަން އަށް ވިދާޅުވީ، ހާފިޒް އަހުމަދު ސްކޫލުގެ ސެން ޔުނިޓަށް މިދިޔަ ބުރާފަސްތި ދުވަހު ހަދިޔާކުރި އެ ތަކެއްޗަކީ އެހީތެރިކަން ބޭނުންވެފައި ތިބި ސްކޫލްތަކާ އަމިއްލަ ޖަމިއްޔާތަކަށް އެހީތެރިވުމަށް އެ ޖަމިއްޔާ އިން މި އަހަރު ފަށާފައިވާ ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ފުރަތަމަ ތަކެތި ކަމަށެވެ.

ދިމްނާ ވިދާޅުވީ، ތަކެތި ހަވާލުކުރުމަށް ރާއްޖޭގެ ހަތަރު ސްކޫލެއްގެ ހާލަތު ބެލި ކަމަށެވެ. އަދި ހާފިޒު އަހުމަދު ސްކޫލަކީ އެތަނުގެ ސެން ޔުނިޓުގެ ޓީޗަރުން މަދު، އަދި އެތަނުގައި ކިޔަވައިދެމުން އަންނަ ކުދިންނަށް އެހީތެރިވުމަށް މަސައްކަތްކުރަމުންދާ ސްކޫލެއް ކަމަށާއި އެހީތެރިކަމަށް އެދި އެ ސްކޫލުން މީގެ ކުރިން އެދިފައިވާ ސްކޫލެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސްކިލް ޓްރެއިނިން ސެންޓަރުގެ ފަރާތުން ފުވައްމުލަކު ހާފިޒު އަހުމަދު ސްކޫލުގައި ހުންނަ ސެން ޔުނިޓަށް ތަކެތި ހަދިޔާކުރަނީ --- ފޮޓޯ/ އެސްޓީސީ

އެސްޓީސީ އަކީ މީހުންނަށް ލިބިފައިވާ ހުނަރުތައް އިތުރުކޮށް އެ ހުނަރު ބޭނުންކޮށްގެން އަމިއްލަ ނަފްސު ކުރިއެރުވުމަށް ބާރުއަޅައި އެހީތެރިވަމުންދާ އަމިއްލަ ޖަމިއްޔާއެކެވެ.

އެގޮތުން އެ ސެންޓަރުން އަންނަނީ ރާއްޖޭގެ ތަފާތު އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ނަމަވެސް މިއީ ސްކޫލަކަށް އެ ޖަމިއްޔާ އިން އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.

ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި ހުންނަ ސެން ޔުނިޓް، ރެއިންބޯ ޔުނިޓުގައި އެނގުމަށް ހާއްސަ އެހީއަށް ބޭނުންވާ 30 ވަރަކަށް ކުދިން އުޅޭ އިރު، އެތަނުގައި ކިޔަވައިދެއްވަމުން ގެންދަވަނީ ހަތަރު ޓީޗަރުންނެވެ.

comment ކޮމެންޓް