މާވަށު ރައްޔިތުން އެދުމުން ފުލުހުންގެ އެހީތެރިކަން ނުދިން ކަމަށް ބުނާ މައްސަލައެއް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައަޅައިފި

ލ. މާވަށުގައި ހިނގާދިޔަ ހަމަ ނުޖެހުންތަކެއް ހުއްޓުވުމަށް އެ ރަށު، ރަށު ކައުންސިލުން ތަކުރާރުކޮށް އެދުމުން ވެސް ފުލުހުން އެހީތެރި ނުވިކަމަށް ބުނާ މައްސަލައެއް މިއަދު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ޢަބުދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އެ މައްސަލަ ހުށަހެޅުއްވީ ތަކުރާރުކޮށް ތިން ދުވަސް ވަންދެން މަސައްކަތް ކުރުމުން ވެސް ފުލުހުންގެ އެހީތެރިކަން ނުލިބުމުން ކަމަށެވެ.

މާވަށު އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތަކާއި ޕެނަލްބޯޑްތައް ބަޔަކު ހަލާކުކޮށްލި މައްސަލަ އަބުދުލްއަޒީޒް ޖަމާލް އަބޫބަކުރު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މިއަދު މި ހުށައެޅުއްވީ ކަމިޝަނަރު އޮފް ޕޮލިސް އަހުމަދު ފަސީހު އާއި ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖްއާ ވެސް ވާހަކަ ދައްކަވައިގެން އަލިމަގެއް ފެނިވަޑައި ނުގެންނެވުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް އަޒީޒު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

"މާވަށުގައި ރައްޔިތުންނަށް ކަރަންޓް ދިނުމަށް ބޭނުންކުރަމުން އައި ހުރިހާ ވަސީލަތެއް (ހުރިހާ ޖެނެރޭޓަރުތަކާއި ޕެނަލްބޯޑާއި ތެޔޮގުދަނާއި އެހެން ބައެއް ތަކެތި) މުޅިން ފުނޑުފުނޑު ކޮށްލި މައްސަލައިގެ ފުރިހަމަ ޒިންމާ ފުލުހުން އުފުއްލަން ޖެހޭނެ ކަމަށާއި އަދި އެއީ ފުލުހުންގެ ޢަމަލުތައް ހުރި ގޮތުން އެކަމުން ހިތްވަރު ލިބިގެން ކުރި ކަމެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ މި މައްސަލަ ބައްލަވައިދެއްވުން އެދި ހުށަހަޅަމެވެ. އަދި މި ހުރިހާ މުދަލެއްގެ ޙައްޤު ބަދަލު ފުލުހުންގެ މުއައްސަސާ އިން މާވަށު ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށް ވެސް އަޅުގަނޑު ޤަބޫލުކުރަމެވެ."

މާވަށު އިންޖީނުގެއަށް ބަޔަކު ހަމަލާ ދިން އިރު އެ ރަށުގައި ފުލުހުންގެ 12 ވަރަކަށް މީހުން ހަރަކާތްތެރި ވަމުން ދިޔަ ނަމަވެސް އެ ހާދިސާ ހިނގުމުން އެކަން ތަހުގީގު ނުކޮށް ފުރައިގެން ދިޔަ ކަމަށް މާވަށު ރަށު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ރޭ ވަނީ ވިދާޅުވެފަ އެވެ.

ލ. މާވަށުގައި ހިނގާދިޔަ ހާދިސާތަކާ ބެހޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ ރަށުގައި ހިނގައިގެން އުޅޭ ކަންތައްތައް ހައްލުކުރުމަށް ފުލުހުން އެ ރަށަށް ދިޔަ ކަމަށެވެ. އަދި އެ ރަށުން ކަރަންޓް ކަނޑާލައިގެން އުޅެނީ ރަށު ކައުންސިލުން ކަމަށެވެ. އަދި ރަށު ކައުންސިލާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރި ނަމަވެސް ކައުންސިލްގެ އެއްބާރުލުން ނުލިބުމުން އެއްވެސް ކަމެއް ހައްލުކުރެވޭ ގޮތް ނުވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މާވަށު ރަށު ކައުންސިލުން ފުލުހުންނަށް އެއްބާރުލުމެއް ނުދިން. ނުވިތާކަށް ކަރަންޓް ނެތުމުން އަނދިރީގައި އެ ރަށް އޮއްވާ ފުލުހުންނާ ދިމާއަށް ތަކެތި އުކަން ފެށީ. އެހެންވެ، ފުލުހުން އެ ރަށުގައި އިތުރަށް މަޑު ނުކޮށް ފުރީ،" ޝިޔާމް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު