މަންދު ކޮލެޖުން ފުރަތަމަ ފަހަރަށް މާސްޓާޒް ފެންވަރުގެ ދެ ކޯހެއް ތައާރަފްކޮށްފި

މަންދު ކޮލެޖު --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މަންދު ކޮލެޖުން ފުރަތަމަ ފަހަރަށް މާސްޓާޒް ފެންވަރުގެ ދެ ކޯހެއް ތައާރަފްކޮށް، ދެވަނަ އިންޓޭކަށް އިއުލާންކޮށްފި އެވެ.

މަންދު ކޮލެޖުން މިއަދު ތައާރަފްކޮށްފައިވަނީ، މާސްޓާޒް އޮފް ބިޒިނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) އަދި މާސްޓާޒް އޮފް އެޑިއުކޭޝަން (އެމްއެޑް) އެވެ. އެ ކޯސްތައް މާލޭ ކެމްޕަހާއި ވާޗުއަލް ކެމްޕަހަށް ވެސް ހުޅުވާލެވިފައިވާ ކަމަށް ކޮލެޖުން ބުނެއެވެ.

އެގޮތުން، 15 މަސް ދުވަހުގެ މުއްދަތުގެ އެމްބީއޭ ކޯހުގެ ފީއެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، މަހަކު 4200 ދައްކަންޖެހޭ ގޮތަށް ޖުމްލަ، 63000 ރުފިޔާ އެވެ. އަދި ކިޔެވުން އޮންނާނީ ހަފްތާ ބަންދުގައެވެ. އެމްއެޑް ކޯހުގެ ފީއަކީ މަހަކު 3777 ރުފިޔާ ދައްކާގޮތަށް، ޖުމްލަ 68000 ރުފިޔާއެވެ. އެ ކޯހުގެ މުއްދަތަކީ 18 މަސް ދުވަހެވެ.

އެ ދެ ކޯސް ވެސް ތައާރަފްކޮށްފައިވަނީ އެ ކޮލެޖުގައި އަލަށް އުފެއްދި އިންސްޓިޓިއުޓް އޮފް ޕޯސްޓްގުރެޖުއޭޓް ސްޓަޑީޒް ގެ ދަށުންނެވެ. އަލަށް ތައާރަފްކުރި މާސްޓާޒް ދެ ކޯހަށް ވެސް ޓެކްސްޓް ފޮތްތައް ހިލޭ ލިބޭނެއެވެ.

މަންދު ކޮލެޖުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވީ، އެ ކޮލެޖުގެ 18 އަހަރުގެ ދިގު ތާރީހުގައި މާސްޓާޒް ކޯސްތައް ތައާރަފްކުރުމަށް ވަގުތު ނަގާފައިވަނީ އެ ކޯސްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ވިސްނައިގެން ކަމަށެވެ.

މަންދު ކޮލެޖުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސުގައި އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މީގެ އިތުރުން މިފަހަރު ތައާރަފްކުރި މާސްޓާޒް ޕްރޮގްރާމްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ފާހަގަކޮށްލެވޭ އިލްމީ ގާބިލް ދަރިވަރުންނަށް "މެރިޓް ސްކޮލޮޝިޕް" ގެ ނަމުގައި ހަތަރު ދަރިވަރަކަށް ސްކޮލޮޝިޕެއް ދޭން ނިންމާފައިވާ ކަމަށް ވެސް އިބުރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަންދު ކޮލެޖުން ދެ މާސްޓާޒް ޕްރޮގްރާމެއް އަލަށް ތައާރަފްކުރުމުން ކޯހުގެ އަގު ވެސް ކުޑަވެފައި، ކޮލެޖުގެ ޑިގްރީއެއް އޮތް ދަރިވަރުންނަށް އަގު އިތުރަށް ކުޑަ ކޮށްދޭނެ ކަމަށެވެ.

މަންދު ކޮލެޖުން ވަނީ އަންނަ އޭޕްރިލް މަހު ފަށާ އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިއަަދު ހުޅުވާލާފައެވެ. އެގޮތުން ފައުންޑޭޝަނުން ފެށިގެން ބެޗްލާސް ޑިގްރީއަށް ހަމައަށް ފަސް ދާއިރާއަކުން 16 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޮލެޖުން ވަނީ ހުޅުވާލާފައެވެ.

އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށެވެ.

comment ކޮމެންޓް