ރެހެންދި ފްލެޓްތައް ބީލަމުގެ އުސޫލުން ނުވިއްކުމަށް އޭސީސީން އަންގައިފި

ރެހެންދި ފްލެޓު ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ރެހެންދި ފެލެޓުން ސަރުކާރަށް ލިބި، ވިއްކުމަށް ނިންމާފައިވާ 10 އެޕާޓުމަންޓް ބީލަން އުސޫލުން ވިއްކުމުގެ ބަދަލުގައި ފުލެޓް ގަންނަން ހުށަހަޅާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ވިއްކުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އަންގައިފި އެވެ.

އޭސީސީން މިއަދު ބުނީ، ރެހެންދި ފުލެޓްތައް ބީލަމުގެ އުސޫލުން އެންމެ މަތީން އަގު ހުށަހަޅާ ފަރާތްތަކަށް ފެލްޓްތައް ވިއްކުމަކީ އެންމެ މަސްލަހަތު ރަނގަޅު އިންސާފުވެރިގޮތް ކަމަށް އެ ކޮމިޝަނަށް ނުފެންނަ ކަމަށެވެ.

އެގޮތުން، ހައުސިން މިނިސްޓްރީން ކުރިން ކަނޑައެޅި ގޮތަށް ފެލްޓް ވިއްކަން ކަނޑައަޅާފައިވާ އަދަދަށްވުރެ ފުލެޓް ގަންނަން ހުށަހަޅާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ފުލެޓް ވިއްކާނެ ފަރާތްތައް ކަނޑައެޅުމަކީ ރަނގަޅު ގޮތް ކަމަށް ހައުސިން މިނިސްޓްރީއަށް މިއަދު އަންގާފައިވާ ކަމަށް އޭސީސީން ބުނެއެވެ.

ހައުސިން މިނިސްޓްރީން މިދިޔަ މަހުގެ 10 ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ސަރުކާރުން ވިއްކުމަށް ނިންމާފައިވާ އެޕާޓްމަންޓް ގަތުމަށް ދެ މިލިއަން ރުފިޔާ އެއްފަހަރާ ހުށަހަޅާ ފަރާތްތަކުގެ މެދުގައި އެ ފްލެޓްތައް ނީލަން ކިޔަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަގު ހުށަހަޅާ ފަރާތްތަކުގެ މެދުގައި އިތުރު ބުރެއް ބާއްވާނެ ކަމަށާއި ފުލެޓް ވިއްކާނީ އެންމެ މަތީ އަގެއް ހުށަހަޅާފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އޭސީސީ އިން ބުނީ، ފްލެޓް ގަންނަން އެދޭ ފަރާތުން ފްލެޓަށް ދައްކަންޖެހޭ އަގު ދައްކާނީ ބޭންކުން ލޯނު ނަގައިގެން ކަމުގައިވީނަމަވެސް، ހައުސިން މިނިސްޓްރީއަށް ދައްކަންޖެހޭ އަގު ދައްކާނެކަމުގެ ޔަގީންކަން ބޭންކުން ދޭނަމަ، އެފަރާތަކީ ފައިސާ ދެއްކޭނެ ފަރާތެއްގެ ގޮތުގައި ބެލުމަށް ވެސް ހައުސިން މިނިސްޓްރީއަށް އަންގާފައިވާނޭ ކަމަށެވެ.

މާލޭގެ 363 ނަންބަރު ކޮށީގައި (ޓީވީ ކޮށީގައި) އިމާރާތްކޮށްފައިވާ ރެހެންދި ފްލެޓްތަކަކީ އެފްޑަބްލިޔު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނާއި ފޯ ޕަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިމާރާތް ކޮށްފައިވާ ފްލެޓްތަކެކެވެ.

comment ކޮމެންޓް