މާލޭގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

މީގެކުރިން މާރާމާރީ ހިންގި ސަރަހައްދެއްގައި ފުލުހުންތަކެއް ހަރަކާތްތެރިވަނީ ---- ސަން ފައިލް ފޮޓޯ

މާލޭގައި މިރޭ ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ ސަން އަށް ވިދާޅުވީ މިރޭ 12:45 އެހައިކަންހާއިރު ހިންގި އެ މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ދިވެހި ބަހުގެ އެކަޑެމީ ކުރިމަތީގައި އޮންނަ މަޝްހޫރު ޓީސީ ގޯޅީގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގަ އެވެ.

އިސްމާއީލް ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ އެ ގޯޅީގައި މާރާމާރީ ހިންގައި އަޑުގަދަކުރަމުންދާ ކަމަށް އާންމު ފަރާތަކުން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ކަމަށެވެ.

އެ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް އިސްމާއީލް ވިދާޅުވި އެވެ.

މަންޒަރު ދުށް މީހުން ބުނީ އެ ދެ ޒުވާނުން ހައްޔަރުކުރި ވަގުތު ގިނަ އަދަދެއްގެ ޒުވާނުންތަކެއް އެ ސަރަހައްދަށް އެއްވެފައިވާ ކަމަށެވެ.

އެ ޒުވާނާ ހައްޔަރުކުރަން ދިޔައިރު، އެސްއޯ ފުލުހުންނާއި އެހެނިހެން ފުލުހުން ވެސް އެ ސަރަހައްދަށް ގޮސްފައި ވެއެވެ.

އެ މައްސަލާގައި ހައްޔަރުކުރީ ކޮން ބައެއް ކަމެއް ފުލުހުން އަދި ނުބުނެއެވެ.

comment ކޮމެންޓް