ބޯކޯ ހަރާމްގެ 800 ހަނގުރާމަވެރިއަކު ނައިޖީރިއާގެ އަސްކަރިއްޔާއާ އަމިއްލައަށް ހަވާލުވެއްޖެ

ނައިޖީރިޔާގެ ސިފައިން ވެހިކަލެއްގައި ---

ނައިޖީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ބޯކޯ ހަރާމްގެ 800 ހަނގުރާމަވެރިއަކު، ވޭތުވެދިޔަ ތިން ހަފްތާ ތެރޭގައި އަމިއްލައަށް އެގައުމުގެ އަސްކަރިއްޔާއާ ހަވާލުވެއްޖެ އެވެ.

ބޯކޯ ހަރާމަކީ އައިއެސް އަށް ވާގިވެރިވާ ޖަމާއަތެކެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން އެ ޖަމާއަތުން ވަނީ 20000 މީހުން މަރާލައި 2.5 މިލިއަން މީހުން މަގުމަތިކޮށްފައެވެ. މީގެ އިތުރުން 2014 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ޗިބޮކްގެ ސްކޫލަކުން 270 އަންހެން ދަރިވަރުން ވަގަށްނެގި މައްސަލާގެ ޒިންމާ ވެސް އެޅިފައިވަނީ އެ ޖަމާއަތުގެ ބޮލުގައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އިންސްޓިޓިއުޓް ފޮ އިކޮނޮމިކްސް އެންޑް ޕީސް އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، އައިއެސް ފަހަތަށް ޖެއްސުމަށްފަހު ދުނިޔޭގެ އެންމެ ނުރައްކާތެރި ހަނގުރާމަވެރި ގްރޫޕަކީ ވެސް ބޯކޯ ހަރާމެވެ.

ނައިޖީރިއާގެ އަސްކަރިއްޔާގެ މައުލޫމާތު ހިއްސާކުރާ އެކްޓިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރަބީ އަބޫބަކުރު މިދިޔަ ބުދަ ދުވަހު ވިދާޅުވީ، ބޯކޯ ހަރާމުގެ 800 ހަނގުރާމަވެރިން އަސްކަރިއްޔާއާ އަމިއްލައަށް ހަވާލުވެފައިވާ ކަމަށެވެ.

އެކަން ހާމަކޮށްފައިވަނީ ކުރީގެ ބޯކޯ ހަރާމުގެ ހަނގުރާމަވެރިންނަށް ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމަށް ޑިފެންސް ހެޑްކުއާޓާސް އިން ނިންމުމުންނެވެ.

ވޭތުވެދިޔަ ހަފްތާގައި ނައިޖީރިއާގެ އަސްކަރިއްޔާ އިން ވަނީ، ބޯކޯ ހަރާމުން ހައްޔަރުކޮށްގެން ގެންގުޅުނު 11000 މީހުން ސަލާމަތްކޮށްފައެވެ.

މައުލޫމާތު: ދަ އިންޑިޕެންޑެންޓް

comment ކޮމެންޓް