ލ. ހިތަދޫ ސްކޫލް ކައިރީގައި ފައިބަރު ދޯންޏެއް ބަންނަމުންދާ މައްސަލަ ބޮޑުވެއްޖެ

ލ. ހިތަދޫ ސްކޫލާ 50 ވަރަކަށް ފޫޓްކައިރީގައި ފައިބަރު ދޯންޏެއް ބަނުމުގެ މަސައްކަތް ކުރަމުންދާތީ އެ ރަށު ސްކޫލްގެ ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ފައިބަރު ކުނޑީގެ ތެރޭގައި ތިބެގެން ކަމަށް އެ ރަށުގެ ބައެއް ރައްޔިތުން މިއަދު ބުނެފި އެވެ.

ލ. ހިތަދޫން ވާހަކަ ދެއްކި އެ ރަށު މީނާޒް މުހައްމަދު އަބޫބަކުރު ބުނީ 80 ފޫޓްގެ ފައިބަރު ދޯންޏެއް ސްކޫލާ އެހާ ކައިރީގައި ބަންނަމުންދާތީ ދަރިވަރުންނަށް ފައިބަރުގެ އަސަރު ކުރާ ކަމުގެ ޝަކުވާ، އެ ސަރަހައްދުގެ ގައުމީ އިދާރާ އަށް ކުރިން ހުށައަޅާފައި ވާނެ ކަމަށެވެ. ނަމަވެސް އެ އިދާރާ އިން އެކަމާ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

އެ އިދާރާއާ ހަވާލާދީ އިނާޒު ބުނީ، އެތަނުން ފިޔަވަޅެއް ނާޅައި އޮތީ ރަށު ކައުންސިލުން ދޭ މައުލޫމާތު ތަފާތުވުމުން ކަމަށް އެ އިދާރާ އިން ބުނާ ކަމަށެވެ.

"ސްކޫލާ އެންމެ 50 ވަރަކަށް ފޫޓް ދުރުގައި ފައިބަރު ދޯނި ބަނުމުގެ މަސައްކަތް ކުރަމުން ދަނީ. ދެން މިހާރު ދޯންޏާ ވީ ފަޅިއަށް ވައި ބަދަލު ވުމުން ސްކޫލަށް ފައިބަރު ކުނޑި އަންނަމުން ދޭ، ދަރިވަރުންނަށް ވަނީ އެކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި،" މުހައްމަދު ބުންޏެވެ.

އޭނާ ބުނީ ސްކޫލްގެ ކައިރީގައި އެ ދޯނި ބަންނަމުންދާ ސަރަހައްދަކީ އެފަދަ މަސައްކަތް ކުރުމަށް ހުއްދަ ދީފައި ނުވާ ސަރަހައްދެއް ކަމަށް ވާތީ ތަންކޮޅެއް ކުރިން ފުލުހުން އެ މަސައްކަތް ހުއްޓުވާފައި ވެސްވާ ކަމަށެވެ. އަދި މިފަހަރު އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ ރައްޔިތުން އެކަން ހައްލުކުރުމަށް ނުކުތުމަށް މިހާރު ވިސްނަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

ލ. ހިތަދޫ ސްކޫލާ 50 ވަރަކަށް ފޫޓް ކައިރީގައި ފައިބަރު ދޯންޏެއް ބަންނަމުން ދާތީ ސްކޫލަށް ފައިބަރު ކުނޑީގެ އަސަރު ކުރާ ކަމުގެ ޝަކުވާއެއް ލިބިފައި ވޭތޯ ދެންނެވުމުން އެ ރަށު ރަށު ކައުންސިލްގެ ރައީސް މުހައްމަދު ހުސައިން ވިދާޅުވީ އެފަދަ ޝަކުވާއެއް ލިބިފައި ނުވާކަމަށާއި އެފަދަ ކަމެއް ހިނގަމުންދާ ކަން ވެސް އެނގިވަޑައިގެންފައި ނުވާކަމަށެވެ.

އިދިކޮޅު ޑީއާރުޕީއަށް ނިސްބަތްވެވަޑައިގަންނަވާ، ލ. ހިތަދޫ ރަށުކައުންސިލްގެ ރައީސް މުހައްމަދު ހުސައިން އެހެން ވިދާޅުވި ނަމަވެސް އެމްޑީޕީއަށް ނިސްބަތްވާ ރަށުކައުންސިލްގެ މެމްބަރު އަހުމަދު އިމާދު ވިދާޅުވީ އެކަން ރަށުކައުންސިލް އިދާރާއަށް އެނގޭ ކަމަށެވެ.

" ރަށުކައުންސިލް އިދާރާއަށް ވެސް އެކަން އެނގޭ ، ނަމަވެސް ފައިބަރު ދޯންޏެއް ބަނުމަކީ ރަށުގެ ތަރައްގީއަށް ކުރެވޭ ކަމަކަށް ވާތީ އެކަން ހުއްޓުވަން ރަށުކައުންސިލުން ބޭނުން ނުވަނީ " އަހުމަދު އިމާދު ވިދާޅުވިއެވެ.

ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ހުސެން ޝިޔާމް ވިދާޅުވީ ސްކޫލާ ވަރަށް ކައިރީގައި ފައިބަރު ދޯންޏެއް ބަންނަމުންދާތީ ފައިބަރު ކުނޑީގެ އަސަރު ދަރިވަރުންނަށް ކުރަމުންދާ ކަމަށް ބުނެ ބެލެނިވެރިންގެ ތެރެއިން ގިނަބަޔަކު ސޮއިކޮށް ސްކޫލަށް ޕެޓިޝަނެއް ހުށައެޅި ކަމަށެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެޕެޓިޝަން ލިބުމާއެކު ލ. އަތޮޅު ހިމެނޭ ސަރަހައްދުގެ ގައުމީ އިދާރާގެ އެޑިއުކޭޝަން ޔުނިޓަށް އެމައްސަލަ ހުށައަޅުއްވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" އަޅުގަނޑުމެން އެމައްސަލަ އެޑިއުކޭޝަން ޔުނިޓަށް ހުށައެޅުމުން އެޔުނިޓުން ބުނެފައި ވަނީ ރަށުކައުންސިލްގެ އިދާރާ ގުޅިގެން އެމައްސަލަ ހައްލުކޮށްދޭނަމޭ" ލ. ހިތަދޫ ސްކޫލްގެ ޕްރިންސިޕަލް ހުސައިން ޝިޔާމް ވިދާޅުވިއެވެ.

215 ދަރިވަރުން ކިޔަވަމުން އަންނަ ހިތަދޫ ސްކޫލްގެ ބެލެނިވެރިންގެ ތެރެއިން ބައެއް މީހުން ބުނީ ސްކޫލަށް ފައިބަރުގެ އަސަރުކުރާ މައްސަލަ ހައްލު ނުވާނަމަ އެހެން ރައްޔިތުން ނުކުމެ އެކަން ހުއްޓުވުމަށް މިހާރު އަންނަނީ މަޝްވަރާކުރަމުން ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު