ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކުޑަ މުސާރަ ޝީޓް ހެދުމަށް އެނގުމުގެ ބާރު ފިނޭންސަށް ލިބިގެންނުވާ ކަމަށް ހުކުމްކޮށްފި

19:00


ސިވިލް ސާވިސްގެ މުވައްޒަފުންނަށް ކުޑަ މުސާރަ ޝީޓް ހެދުމަށް އެނގުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށް ކަނޑައަޅައި މަދަނީ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.


ސިވިލް ސާވިސް ކޮމިޝަނަށް ލިބޭ ބާރެއް ހަނިކުރެވޭ ގޮތަށް ނޫނީ ހުރަސްއެޅޭ ގޮތަށް އަމަލު ކުރުމުގެ ބާރު ފިނޭންސް މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީގެ މައްޗަށް ކޮށްފައިވާ ދައުވާގައި މަދަނީ ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ގާޒީ އައިޝާ ޝުޖޫން މުހައްމަދު ކުރެއްވި ހުކުމްގައި ވަނީ 1 އޮކްޓޯބަރ 2009 އިން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކުޑަކޮށްފައިވާ މިންވަރަށް މުސާރަ ޝީޓްތައް ހެދުމަށް އެންގުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެންނުވާ ކަމަށެވެ. އަދި ސިވިލް ސާވިސްގެ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ގޮތުން ސިވިސް ސާވިސްގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް ލިބިދޭ ބާރެއް ހަނިކުރެވޭ ގޮތަށް ނުވަތަ ހުރަސްއެޅޭ ގޮތަށް އަމަލްކުރުމުގެ ބާރު ވެސް ފިނޭންސް މިނިސްޓްރީ އަށް ލިބިގެންނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.


ޤައުމަށް ދިމާވި އިގްތިސާދީ ހާލަތަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަނުން ކުޑަކޮށްފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އެކެއް ޖެނުއަރީން ފެށިގެން އިއާދަކުރުމަށް އެކޮމިޝަނުން ނިންމާފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ކަމަށާއި އަދި އެ އެންގުން އެގޮތަށް ބާރު ލިބިގެންވަނީ ހަމައެކަނި އެކޮމިޝަނަށް ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެ އެވެ. އަދި ސިވިލް ސާވިސް ކޮމިޝަނަކީ މިނިވަން މުއައްސަސާއެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ބާރު ލިބިގެންވާ ކޮމިޝަނަކަށް ވީހިނދު ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ވެސް އެ ކޮމިޝަނަށް އެކަނި ކަމަށްވެސް އެހުމުގައިވެ އެވެ. އަދި ދައުލަތުން މުސާރަ ކުޑަކުރީ އެވަގުތު ޤައުމަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ މައްޗަށް ރިއާއަތްކޮށް ދައުލަތުގެ އާމްދަނީއަށް ހަތް ބިލިއަން ނާރައިގެން ކަމަށް ބުނެފައިވާއިރު މިއަހަރު ފާސްކުރި ދައުލަތުގެ ބަޖެޓުގައި އާމްދަނީގެ ގޮތުގައި ހަތް ބިލިއަނަށްވުރެ ގިނައިން އާއްމުދަނީ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ކަމަށްވެސް އެހުކުމްގައި ބުނެފައިވެ އެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހުން އެކަން ހާމަކޮށް ސިވިލް ސާވިސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައިވެސް ހާމަކޮށްފައިވާތީ އެއީ އެކަން ކުރަންޖެހޭ ގޮތް ކަމަށްވެސް އެހުކުމްގައި ކަނޑައަޅާފައިވެ އެވެ.


ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ 1 އޮކްޓޯބަރ 2009 ގެ ކުރިން ހުރި މުސާރައަށް އިއާދަކުރުމަށް ނިންމައި، އެގޮތަށް އަމަލްކުރުމަށް ސިވިލް ސާވިސް ކޮމިޝަނުން އަންގާފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް ދެމުން ގެންދިޔައީ ކުޑަކުރި މުސާރަ އެވެ.


މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ ވެސް އަދި ސިވިލް ސާވިސް ކޮމިޝަންގެ ވެސް ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު