ހުއްދަ ނެތި މަގުތަކުގައި އިސްތިހާރު ހަރުކުރާ ފަރާތްތައް ޖޫރިމަނާ ކުރަނީ

ފާރެއްގައި އިސްތިހާރު ބޯޑުތަކެއް ޖަހާފައި: ހައުސިން މިނިސްޓްރީން ބުނީ އިސްތިހާރު ބޯޑުތައް އެ މިނިސްޓްރީގެ ހުއްދަ ނެތި ހަރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި މާލޭގެ މަގުތަކުގައި އިސްތިހާރު ހަރުކުރާ ފަރާތްތައް ޖޫރިމަނާ ކުރާ ގޮތަށް މާލޭ މަގުމަތީގައި އިސްތިހާރާއި އިއުލާނު ހަރުކުރުމާއި ބެހޭ ގަވާއިދު އެކުލަވާލައިފި އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ގެޒެޓުކޮށްފައިވާ އެ ގަވާއިދުގައި ބުނެފައި ވަނީ އެ ގަވާއިދާ ހިލާފުވާ ފަރާތްތައް ފުރަތަމަ ފަހަރެއްގެ ގޮތުގައި 1000 ރުފިޔާއާ 2000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އޭގެފަހުން ތަކުރާރުވާ ކޮންމެ ފަހަރަކު 2000 ރުފިޔާއިން ޖޫރިމަނާ ކުރުމާއި އެކު ތިންމަސް ދުވަހުގެ މުއްދަތަކަށް އިއުލާނާއި އިސްތިހާރު އެއްވެސް ތަނެއްގައި ހިއްޕުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ.

ގަވާއިދުގައި ބުނެފައި ވަނީ ދައުލަތުގެ ބޭނުމަށް އެކި ތަންތާނގައި ބަހައްޓާ އިއުލާނާއި އިސްތިހާރު އެ އުސޫލުގެ ދަށުން އިސްތިސްނާވެގެންދާނެ ކަމަށެވެ. އެގޮތުން އިސްތިސްނާކުރެވޭ އިއުލާނާއި އިސްތިހާރު ހަރުކުރެވޭނީ އެ މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ.

އިސްތިހާރެއް ކުރުމުގެ ގޮތުން މަގުތައް ބަޔަކު މީހުން ގަނޑުތަކެއް އުކާފައި: ސަން ފައިލް ފޮޓޯ

ގަވާއިދުގައި ބުނެފައި ވަނީ މަގުމަތީގައި ހަރުކުރާ އިސްތިހާރު ނުވަތަ އިއުލާނެއް ފާސްކުރުމަށް ހައުސިން މިނިސްޓްރީއަށް ހުށަހަޅާއިރު ދެ ކޮޕީ ހުށަހަޅަންވާނެ ކަމަށެވެ. އަދި ބުނީ މާލޭ މަގުތަކާއި އާއްމު ތަންތަނުގައި އިއުލާނާއި އިސްތިހާރު ހަރުކުރަން ވާނީ އެ މިނިސްޓްރީގެ ހުއްދަ ލިޔުމަކުން ވެސް ލިބިގެން ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ ސަރުކާރު އިމާރާތްތަކުގައާ ސަރުކާރު ތަންތަނުގެ މަގުމަތީ ފާރުގައާ އަދި ޔުޓިލިޓީސް ހިދުމަތް ދިނުމަށް މަގުމަތީ ފާރުގާ ހަރުކޮށްފައިވާ ފޮށިތަކުގައާ މަގުމަތީގައި ބެހެއްޓިފައި ހުންނަ ޑަސްބިންތަކާއި ގަސް އިންދުމަށް މަގުމަތީގައި ޖަހާފައި ހުންނަ ފެންސުތަކުގައި އިއުލާނު ނުވަތަ އިސްތިހާރު ބެހެއްޓުމަކީ ނުވަތަ ހިއްޕުމަކީ މަނާ ކަމެއް ކަމަށެވެ.

މާލޭގެ އެކި ތަންތަނުގައި އިސްތިހާރު ބޯޑާއި ބެނާ ހަރުކުރުމުގެ ހުއްދަ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދެމުން ދިޔައީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާ އިންނެވެ. އަދި އެކަން އެގޮތަށް އެ ޖަމިއްޔާ އިން ކުރަމުން ދިޔައީ ހައުސިން މިނިސްޓްރީއާ ދެމެދު ގާއިމު ކުރި އެމްއޯޔޫއެއްގެ ދަށުން ނެވެ. ނަމަވެސް އެ ޖެނުއަރީ މަހުގެ 10ވަނަ ދުވަހުން ފެށިގެން އެ މަސައްކަތް ދެން ކުރާނީ ހައުސިން މިނިސްޓްރީން ކަމަށް އެ މިނިސްޓްރީން އާއްމުކުރި ނޫސްބަޔާނެއްގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް