ކަރަންޓް ކެނޑިފައި އޮއްވައި މޫނުނިވާކޮށްގެން ތިބި ބަޔަކު ރޭ ދަންވަރު ނުކުމެ މާވަށު ކޯޓުގެ ބިއްލޫރިގަނޑެއް ތަޅާލައިފި

އިއްޔެ މެންދުރު ފަހުން ފެށިގެން ލ. މާވަށުން ކަރަންޓް ކެނޑިފައި އޮއްވައި ރޭ މެންދަމު މޫނުނިވާކޮށްގެން ތިބި ބަޔަކު ނުކުމެ އެ ރަށު މެޖިސްޓްރޭޓް ކޯޓަށާއި ރަށު ކައުންސިލްގެ އިދާރާ އަށް ގާ އުކައި ކޯޓުގެ ކުޑަދޮރެއްގެ ބިއްލޫރި ގަނޑެއް ތަޅާލާފައިވާ ކަމަށް ރަށު ކައުންސިލްގެ އިދާރާ އިން މިއަދު ބުނެފި އެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދެއްވައި މާވަށު ރަށު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު މިއަދު ވިދާޅުވީ ގާ އުކައި ކޯޓްގެ ކުޑަދޮރެއްގެ ބިއްލޫރި ގަނޑު ތަޅާލުމުގައި ގިނަ ބަޔަކު ނުކުމެ އުޅުނު ކަމަށެވެ.

"މެޖިސްޓްރޭޓް ކޯޓްގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ އާއި ރަށު ކައުންސިލްގެ އިދާރާގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ ބުނީ އެ ދެތަނަށް ގާއުކީ ރޭ މެންދަމުން އަލިވެ، އެކެއްޖަހާ އެހާކަންހާއިރު، މޫނު ނިވާކޮށްގެން ތިބި ބައެއް ކަމަށް،" މާވަށު ރަށުކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ ރޭގެ ހާދިސާ އަށް ފަހު މިއަދު ހެނދުނު ރަށު ކައުންސިލްގެ އިދާރާ އަށް ބަޔަކު އެއްވެ އެތަން ހިސާރުކޮށްފައިވާ ކަމަށާއި އެހެންވެ ރަށު ކައުންސިލްގެ މެމްބަރުން މިއަދު ތިއްބެވީ ގޭގައި ކަމަށެވެ. އޭނާ ވިދާޅުވީ ރަށު ކައުންސިލްގެ އިދާރާ ހިސާރުކުރީ 40 އަކަށް މީހުން ކަމަށެވެ.

"އިއްޔެ ރަށު ކައުންސިލް އިދާރާ އަށް ވަން މީހުން އެތަނުގެ ދޮރުތައް ލަކުޑިފައްޗާއި މޮހަރު ބޭނުންކޮށްގެން އެތެރެއިން ބަންދުކޮށްފައި ހުއްޓައި މިއަދު ހެނދުނު 7.00 އެހާކަށް ހާއިރު އަނެއްކާ ވެސް ބަޔަކު މިވަނީ އެތަން ހިސާރުކޮށްފައި. އެކަމުގައި ހަރަކާތްތެރި ވަނީ ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ 40 ވަރަކަށް މީހުން،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިއްޔެ މެންދުރު ފަހުން ފެށިގެން މާވަށުގައި ބަޔަކު ކުރަމުން އަންނަ ޣައިރުގާނޫނީ ކަންތައްތަކުގެ މައުލޫމާތު ލ. އަތޮޅުގައި ތިބޭ ފުލުހުންނަށާއި މާލޭގައި ހުންނަ ފުލުހުންގެ މައި އިދާރާއަށް ، ވަގުތުން ވަގުތަށް ދެއްވަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެހީތެރިކަން އެއްވެސް ވަރަކަށް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ މާވަށުގައި އިއްޔެއިން ފެށިގެން ބަޔަކު ހިންގަމުންދާ ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު ޢަބުދުލްޢަޒީޒު ޖަމާލް އަބޫބަކުރަށް ވެސް ދެއްވާފައި ވާނެ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ފުލުހުންގެ އެހީތެރިކަން ހޯއްދެވުމަށް މާލޭގައި ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޢަބުދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވެފައިވާ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބުދުލްއަޒީޒު ޖަމާލް އަބޫބަކުރު މިއަދު ވިދާޅުވީ އިއްޔެ 3.00 ޖަހާ އެހާކަންހާއިރު ބަޔަކު ނުކުމެ އެ ރަށު ރަށު ކައުންސިލްގެ އިދާރާ އަށް ގެއްލުންތަކެއް ދީ އެތަން ބަންދުކޮށްފައި ވާތީ އެކަން ހައްލުކުރުމަށް ފުލުހުންގެ އެހީތެރިކަން ލިބޭތޯ އިއްޔެއިން ފެށިގެން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

"އިއްޔެ އެކަން ފެށުނީއްސުރެ އަޅުގަނޑު މިދަނީ ފުލުހުންގެ އެހީތެރިކަން ލިބޭތޯ މަސައްކަތްކުރަމުން. އެންމެ ފުރަތަމަ މަސައްކަތްކުރީ ގަމުގައި ހުންނަ ޕޮލިސް ސްޓޭޝަނުގެ އިންޗާޖާ ގުޅުމަށް. އޭނާ އާ ގުޅުމުން ބުނީ ވަރަށް ކައިރިން ބަލަމުންދާ ކަމަށް،" އަބުދުލް އަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަމިޝަނަރު އެހެން ވިދާޅުވި ނަމަވެސް ފުލުހުންގެ އެއްވެސް އެހީތެރި ކަމެއް މިހާތަނަށް ލިބިފައި ނުވާކަމަށެވެ. އަދި މިއަދު ކަމިޝަނަރު އޮފް ޕޮލިސްއާ ބައްދަލު ކުރެއްވުމަށް މިހާރު މަސައްކަތް ކުރައްވަމުން ދާ ކަމަށާއި އެއަށް ފަހު ޕޮލިސް އިންޓަގްރީޓީ ކޮމިޝަނަށް އެމައްސަލަ ހުށައަޅުއްވާނެ ކަމަށް ޢަބުދުލް އަޒީރު ވިދާޅުވި އެވެ.
މާވަށުގައި ހިނގަމުންދާ ކަންތައްތަކާ ބެހޭ ގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު