ވަޒީފާ ދޫކޮށް، ކޮލެޖާއި ގުޅޭ ދަރިވަރުންނަށް ދެމުން އައި މުސާރައާ އެއްވަރުގެ އެލަވަންސް، މިއަހަރު ލިބެމުންނުދާތީ ދަރިވަރުން ރައީސް އަށް ޕެޓިޝަނެއް ހުށަހަޅައިފި

19:00


ވަޒީފާތަކުން ކެނޑިގެން މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ދެމުން އައި ވަޒީފާގެ މުސާރައާ އެއްވަރުގެ އެލަވަންސް، މި އަހަރު އެ ކޮލެޖާ ގުޅުނު ދަރިވަރުންނަށް ލިބޭނެ ގޮތް އެޑިއުކޭޝަން މިނިސްޓްރީން ތަނަވަސްކޮށްދީފައި ނުވާތީ، އެ ކަމުގައި ހައްލެއް ހޯދަވައިދެއްވުން އެދި އެ ކޮލެޖް ބައެއް ދަރިވަރުން ރައީސުލްޖުމްހޫރިއްޔާ އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.


ވަޒީފާތަކުން ކެނޑިގެން ކޮލެޖްގައި ތައުލީމް ހާސިލްކުރަމުންދާ 43 ދަރިވަރުން ސޮއިކޮށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް މިއަދު ހުށަހެޅި އެ ޕެޓިޝަނުގައި ބުނެފައި ވަނީ ވަޒީފާއިން ކެނޑިގެން މި އަހަރު އެ ކޮލެޖަށް އެ ދަރިވަރުން ގުޅުނީ ވަޒީފާގެ މުސާރައާ އެއްވަރުގެ އެލަވަންސެއް ލިބޭނެކަމުގެ އުންމީދުގައި ކަމަށެވެ. އަދި އެ އެލަވަންސް ނުލިބުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިކަކާ ކުރިމަތިލާންޖެހި އެ މީހުން އެނބުރި ރަށަށްދާން ޖެހިފައިވާ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.


ވަޒީފާތަކުން ކެނޑިގެން މި އަހަރު ކޮލެޖާ ގުޅުނު ދަރިވަރުންނަށް އެ އެލަވަންސް ނުދިނުމަކީ އިންސާފެއް ނޫން ކަމަށް ބުނެ، އެ ޕެޓިޝަނުގައި ވަނީ ވޭތުވެދިޔަ އަހަރުތަކުގައި އެގޮތަށް އެ ކޮލެޖާ ގުޅުނު ދަރިވަރުންނަށް މިހާރު ވެސް ވަޒީފާގެ މުސާރައާ އެއްވަރުގެ އެލަވަންސެއް ދެމުން އަންނަ ކަމަށެވެ. އަދި ކޮލެޖް ދަރިވަރުންނަށް ސަރުކާރުން ދޭނެ ކަމަށް ބުނި، ލޯނު ސްކީމް ވެސް އަދިވެސް ބައެއް ދަރިވަރުންނަށް ނުލިބޭ ކަމަށާއި އަދި ފަހުން ފައިސާދޭ އުސޫލެއްގެ ދަށުން ކޮންމެ މަހަކު ދަރިވަރުންނަށްދޭ ދެ ހާސް ރުފިޔާ އަކީ އެ ކުދިންގެ ހަރަދުތަކަށް އެކަށޭނެ ފައިސާއެއް ނޫން ކަމަށް ވެސް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.


ޕެޓިޝަނުގައި ސޮއިކޮށްފައިވާ ބައެއް ދަރިވަރުން ސަންއެފްއެމްއަށް މައުލޫމާތު ދެމުން ބުނީ އެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީއާ ބައްދަލުކުރި ކަމަށާއި ނަމަވެސް، މުސާރައާ އެއްވަރު އެލަވަންސެއް ދިނުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވި ކަމަށް އެ ދަރިވަރުން ބުންޏެވެ. އަދި އަނބި ދަރިން ގޮވައިގެން ކިޔަވަން މާލެ އައީ ކީއްކުރަންތޯ ވެސް އެޑިއުކޭޝަން މިނިސްޓަރ ސުވާލުކުރެއްވި ކަމަށް އެ ދަރިވަރުން ބުންޏެވެ.


ނަމަވެސް މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު