ތާރީހުގައި ފުރަތަމަ ފަހަރަށް ފަލަ މީހުންގެ ނިސްބަތް އިތުރުވެއްޖެ

އެކަށީގެންވާ މިންވަރަށް ވުރެ ފަލަވުން، ނުވަތަ އޮބޭސިޓީ އަކީ މިހާރު ކުރިމަތިވަމުން އަންނަ ބޮޑު ސިއްހީ މައްސަލައެކެވެ. އެގޮތުން ވަރަށް ފަހުން ކުރި ދިރާސާއަކުން ދައްކާގޮތުގައި، މިވަގުތު ދުނިޔޭގައި "އޮބީސް" މީހުންގެ ނިސްބަތް އާދަޔާ ހިލާފަށް، ހިކި ނުވަތަ "އަންޑަވެއިޓް" ކޮށް ތިބޭ މީހުންނަށް ވުރެ ވަނީ އިތުރުވެފައެވެ.

ލާންސެޓް މެޑިކަލް ޖާރނަލް އިން އެ ދިރާސާކޮށްފައި ވަނީ 186 ގައުމަކުން، ދެ ޖިންސުގެ 19.2 މިލިއަން މީހުން ހިމަނައިގެންނެވެ.

އެ ދިރާސާއިން ދައްކާފައިވާ ގޮތުން 1975 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އައި އިރު، އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ފަލަ މީހުންގެ ނިސްބަތް ބޮޑުތަން ވަނީ އިތުރުވެފަ އެވެ.

އެގޮތުން ފިރިހެނުންގެ ތެރެއިން 10.8 ޕަސެންޓު މީހުންނާ، އަންހެނުންގެ އާބާދީގެ 14.9 ޕަސެންޓު މީހުންނަކީ އޮބީސް މީހުން ކަމަށް ވަނީ އެނގިގެން ގޮސްފަ އެވެ. އެއާ ހިލާފަށް ދުނިޔޭގައި އަންޑަވެއިޓު ފިރިހެނުންގެ ޕަސެންޓު އުޅެނީ 8.8 ޕަސެންޓުގަ އެވެ. އަދި އަންޑަވެއިޓު އަންހެނުންގެ އާބާދީ އުޅެނީ 9.7 ޕަސެންޓުގަ އެވެ.

މީހާ އަކީ އޮބީސް މީހެއް ކަމުގައި ބުނަނީ އޭނާގެ ބޮޑީ މާސް އިންޑެކްސް 30 ށް ވުރެ މަތި ވުމުންނެވެ. އަދި އަންޑަވެއިޓު މީހުންނަކީ ބޮޑީ މާސް އިންޑެކްސް 18.5 ށް ވުރެ ދަށް މީހުންނެވެ. ހަށިގަނޑު ރަނގަޅަށް ތިބޭ މީހުންގެ ބޮޑީ މާސް އިންޑެކްސް އުޅޭނީ 18.5 އާ 24.9 އާ ދޭތެރޭގަ އެވެ. 25 އާ 29.9 އާ ދެމެދު ބޮޑީ މާސް އިންޑެކްސް އުޅޭ މީހުންނަކީ ފަލަ މީހުންނެވެ.

މިއީ ދުނިޔޭގެ ތާރީހުގައިވެސް އަންޑަވެއިޓް މީހުންނަށް ވުރެ އޮބީސް މީހުންގެ ނިސްބަތް އިތުރުވި ފުރަތަމަ ފަހަރު ކަމަށްވެ އެވެ.

އެ ދިރާސާއަށް ފަހު، ދިރާސާ ކުރާ ފަރާތްތަކުން ވަނީ ކުރިމަގާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން މިހާރު ދާގޮތަށް ގޮސްފިނަމަ، ދުނިޔޭގެ އާބާދީގެ ކޮންމެ ފަސް މީހަކުން އެކަކީ އޮބީސް މީހަކަށް ވާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

އޭގެ އިތުުުރުން، އަންހެނުންގެ ނުވަ ޕަސެންޓު މީހުންނާ، ފިރިހެނުންގެ ހަ ޕަސެންޓު މީހުންނަކީ ވަރަށް ބޮޑަށް ފަލަވެ، ސިއްހީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހޭނެ މީހުން ކަމަށްވެސް ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް