"ބިތުފަންގި"ގައި ކަސްޓަމްސްގެ ޔުނީފޯމް ބޭނުންކުރި ކަމަށް ބުނާ މައްސަލަ މީޑިއާ ކައުންސިލަށް

ފެބްރުއަރީ 22، 2016: އޭސީސީގެ "ބިތުފަންގި" ޑްރާމާ ސީރީޒް ޕްރިމިއާ ކުރުމަށް އޮލިމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ---- ސަން ފައިލް ފޮޓޯ

ކޮރަޕްޝަނާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަޔަކާ ހަވާލުކޮށްގެން ތައްޔާރު ކުރި "ބިތުފަންގި" ޑްރާމާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޔުނީފޯމް ބޭނުންކޮށްފައިވާ ކަމަށް ބުނާ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެސީސީއާ ދެކޮޅަށް އެ މައްސަލަ ހުށަހެޅީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ފަރާތުންނެވެ.

ކަސްޓަމްސް އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ބިތުފަންގި"ގައި ކަސްޓަމްސްގެ ޔުނީފޯމް ބޭނުންކޮށްފައިވަނީ އެ މުއައްސަސާގެ ހުއްދަ ނުހޯދައި ކަމަށާއި އެހެންކަމުން އެކަމާ ގުޅޭގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން، އެ މުއައްސަސާގެ އަބުރާ ޝަރަފަށް ހުތުރުވާ ގޮތަށް އޭސީސީ ފަދަ މުއައްސަސާއަކުން އެފަދަ ކަމެއް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބިތުފަންގި ޑްރާމާ ސިލްސިލާގައި ހުއްދަ ނުހޯދައި ކަސްޓަމްސްގެ ޔުނިފޯމު ބޭނުންކުރި މައްސަލައެއް އެ މުއައްސަސާއިން ފެންމަތިކޮށްފައިވާއިރު، ހަމަ އެ ސިލްސިލާގައި އައިޖީއެމްއެޗްގެ ނަން ބޭނުން ކުރި މައްސަލައެއް، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ހެލްތް މިނިސްޓްރީން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް