މެރިން އެކްސްޕޯގެ ސްޕޮންސަރުން ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފި

މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބްލަކް ކުންފުންޏާއި އެމްޓީސީސީން އެއްބަސްވުމުގައި ސޮއިކުރަނީ ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އިން އިންތިޒާމުކޮށްގެން ބްލަކް ކުންފުންޏާ އެކު ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "މޯލްޑިވްސް މެރިން އެކްސްޕޯ" އަށް ސްޕޮންސަރުން ހަމަޖައްސައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ސްޕޮންސަރުންގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ މިއަދު ހަވީރު ސަލްސާ ރޯޔަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މޯލްޑިވްސް މެރިން އެކްސްޕޯގެ މައި ސްޕޮންސަރަކަށް ހަމަޖައްސާފައި ވަނީ އެމްޓީސީސީ އެވެ. އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް އެވެ. ބްލަކް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ހުޝާމް އެވެ.

އިތުރު ގިނަ ސްޕޮންސަރުންތަކެއް އެކްސްޕޯއަށް ހަމަޖައްސާފައިވާ އިރު، އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ބްލަކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުޝާމް އެވެ. ސްޕޮންސަރުންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނިތަކުގެ އިސްވެރިންނެވެ.

މިއަހަރުގެ އެކްސްޕޯގެ ސްޕޮންސަރުން:

 • ޓެލެކޮމް ޕާޓްނަރު: ދިރާގު
 • ބެވަރޭޖް ޕާޓްނަރު: އެކްއެލް
 • ޕްރޮމޯޓިން ޕާޓްނަރު: އެމްއެމްޕީއާރުސީ
 • ބޭންކް ޕާޓްނަރު: މޮރިޝަސް ކޮމާޝަލް ބޭންކް
 • ޕްރިންޓް ޕާޓްނަރު: އެމްސެވަން ޕްރިންޓް
 • އެއާލައިން ޕާޓްނަރު: މެގަމޯލްޑިވްސް އެއާލައިންސް
 • ލައިފްސްޓައިލް ޕާޓްނަރު: އީވޯ
 • އޮންލައިން މީޑިއާ ޕާޓްނަރު: ހަވީރު
 • ސައުންޑް އެންޑް ލައިޓްސް ޕާޓްނަރު: އިވެންޓް މޯލްޑިވްސް
 • ކޯ ސްޕޮންސާ: މެރިން އިކްއިޕްމަންޓްސް
 • ވިޒުއަލް ޕާޓްނާ: އޯކޭޒް އިންކް

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ކޮންމެ އަހަރަކު ވެސް ގިނަ ފަރާތްތަކެއްގެ ތަރުހީބު ލިބެމުން، ކާމިޔާބުކަމާ އެކު ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. ބްލަކް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުޝާމް ވިދާޅުވީ، މިއަހަރުގެ އެކްސްޕޯގައި ޖުމްލަ 60 ސްޓޯލް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި މެރިން ދާއިރާގައި ހަރަކާތްތެރިވާ ރާއްޖެއާއި ބޭރުގެ ފަރާތްތައް ހިމެނޭ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ، ކުރިން ބޭއްވި އެކްސްޕޯތަކަށްވުރެ މިއަހަރުގެ އެކްސްޕޯ އަކީ ބޮޑު އެކްސްޕޯއަކަށް ވާނެ ކަމަށެވެ. އެގޮތުން އެކްސްޕޯގެ ތެރޭގައި އެމްޓީސީސީން އަލަށް ގިނަ ޕްރޮޑަކްޓްތަކެއް މާކެޓަށް ނެރޭނެކަމަށް ހަލީމް ވިދާޅުވި އެވެ. އޭގެ އިތުރުން 100،000 ރުފިޔާ އަށްވުރެ އަގުހުރި އިނާމު ލިބޭ ޕްރޮމޯޝަންތައް ކުރިއަށްގެންދަވާނެ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

މެރިން އެކްސްޕޯ ކުރިއަށްގެންދަން ހަމަޖައްސާފައި ވަނީ އަންނަ އޭޕްރީލް މަހުގެ 26 އިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގަ އާއި ދަރުބާރުގެ ހިމެނޭ ސަރަހައްދުން ބޮޑުތަކުރުފާނު މަގުގަ އެވެ.

comment ކޮމެންޓް