އެމްޑީޕީގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޙާބް ކާމިޔާބުކުރެއްވުނު އެންމެ ބޮޑު ސިއްރަކީ މިޑްޓާމް އިލެކްޝަނެއްގެ ވައުދު: ޑރ. ހަސަން

14:30


އެމްޑީޕީގެ ކެންޑިޑޭޓަށް ރިޔާސީ އިންތިޙާބް ކާމިޔާބުކުރެއްވުނު އެންމެ ބޮޑު ސިއްރަކީ މިޑްޓާމް އިލެކްޝަނެއް ބާއްވައިދެއްވާނެ ކަމަށް މުހައްމަދު ނަޝީދު ވެވަޑައިގެންނެވި ވައުދު ކަމަށް ޤައުމީ ޕާޓީގެ ރައީސް އަދި ރައީސް ނަޝީދުގެ އެޑްވައިޒަރކަމުގެ މަޤާމުގައި ކުރިން ހުންނެވި ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.


ވީޓީވީން ގެނެސްދޭ ހޫނުގޮނޑި ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން މިޑްޓާމް އިލެކްޝަނެއްގެ ވާހަކައަކީ ޑރ. ހަސަން މަޖުބޫރުކުރައްވައިގެން ދެއްކެވި ވާހަކަފުޅެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާ ވާހަކައަކީ ތެދުފުޅެއްތޯ އެޕްރޮގްރާމްގެ ޕްރެޒެންޓަރ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ ރިޔާސީ އިންތިޙާބްގެ ދެވަނަ ބުރުގައި މިޑްޓާމް އިލެކްޝަނެއްގެ ވާހަކަ އެންމެ ފުރަތަމަ ވެސް ދެއްކީ އެ އިންތިޙާބް ކާމިޔާބު ކުރުމަށް ރައީސް ނަޝީދަށް ފަންޑުކުރައްވާ ބޭފުޅުންތަކެއް ކަމަށާއި އަދި އެކަމަށް އޭނާ ތާއީދުކުރެއްވީ ރައްޔިތުންގެ ތާޢީދު ރައީސް ނަޝީދަށް ހޯދައިދެއްވުމަށް ކަމަށެވެ.


ދައުރުގެ މެދުތެރެއިން މިޑްޓާމް އިލެކްޝަނެއް ބޭއްވުމަށް ޤާނޫނު އަސާސީން ތަންދޭތޯ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ހަސަން ވިދާޅުވީ ރައީސްއާއި ނައިބް ރައީސް އިސްތިއުފާ ދެއްވައިފިނަމަ މިޑްޓާމް އިލެކްޝަނެއް ބޭއްވޭނެ ކަމަށާއި އަދި ދައުރުގެ މެދުތެރެއިން ރައީސާއި ނައިބް ރައީސް އިސްތިއުފާދެއްވާނެ ކަމަށް އިއްތިހާދާއެކު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމަކީ ކުރެއްވޭނެ ކަމެއް ކަމަށް މިހާރުގެ އެމްޕްލޯއިމަންޓް މިނިސްޓަރު އަލްއުސްތާޛު ހަސަން ލަތީފް އަދި ޤާނޫނު އަސާސީ ޑްރާފްޓް ކުރެއްވި ކޮމިޓީގެ މުގައްރިރު އިބްރާހިމް އިސްމާއިލް (އިބްރާ) އޭރު ވިދާޅުވެފައިވާ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.


މިހާރު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ރިޔާސީ އިންތިޙާބްގެ ދެވަނަ ބުރުގައި ތާއީދުކުރެއްވުމުން އެކަމާ ހިތާމަކުރައްވަންތޯ ޕްރެޒެންޓަރ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ހަސަން ވިދާޅުވީ އެއީ ހިތާމަކުރަންޖެހޭ ކަމެއް ނޫން ކަމަށާއި އެ ދުވަހު ލިބިވަޑައިގަތީ 30 އަހަރުގެ ވެރިކަން ނިންމުމަކަށް ގެނެސް، އިދިކޮޅު ހުރިހާ ފަރާތްތައް ގުޅިގެން ޤައުމީ އިއްތިހާދުގެ ސަރުކާރެއް ޤާއިމްކޮށް ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ދާން ލިބުނު ރަނުގެ ފުރުސަތެއް ކަމަށެވެ. ނަމަވެސް އިއްތިހާދު ގުޅިގެން ގެނައި ސަރުކާރަކީ އެބޭފުޅަކު ނިސްބަތްވާ ޕާޓީގެ ހަމައެކަނި އެއްޗެއް ކަމަށް ހީވެގެން ދިއުމުގެ ނަތީޖާއަކަށްވެފައި މިވަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ހައްލުވެގެން ނިދިއުން ކަމަށްވެސް ޑރ. ހަސަން ވިދާޅުވި އެވެ.


ޑރ. ހަސަން އަދި ވިދާޅުވީ ފާއިތުވި 16 މަސް ތެރޭގައި މިސަރުކާރުގެ ކަންތައްތައް ކުރިއަށް ދަނީ ތަސައްވުރުވެސް ނުކުރެވޭހާ ހިތާމަވެރިކޮށް ކަމަށާއި ރައްޔިތުންގެ މަންފާ އަށްވުރެ ބޮޑަށް މި ސަރުކާރުގެ ވިސްނުން ހުރީ އެޕާޓީ ހަރުދަނާކޮށް މެންބަރުން އިތުރުކޮށް ބޭރުޤައުމަކުން ކޮންމެވެސް ޝަރަފެއް ނުވަތަ އިނާމެއް ހޯދުމަށް ކަމަށެވެ.


ވީޓީވީގެ ހޫނު ގޮނޑި އޮންނަ ސެގްމަންޓް "އާ އެނކޭ" ނުވަތަ "ނޫނެކޭ"ވިދާޅުވުމަށް ކޮންމެ މެހުމާނަކަށް ވެސް އޮންނަ ފުރުސަތުގައި، ޑރ. ހަސަން ރައްޔިތުންނަށް އިނގިވަޑައިގެންފައިވަނީ ރައީސް މައުމޫން ދެއްވި ފުރުސަތެއްގެ ސަބަބުންތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން ޑރ. ހަސަން ވިދާޅުވީ ރައީސް މައުމޫން ދެއްވި ފުރުސަތެއްގެ ސަބަބުން ނޫން ކަމަށެވެ. ރައްޔިތުންގެ ކިބައިގެން މައާފަށް އެދިވަޑައިގެންނަވަން ޖެހިވަޑައިގެންނަވާ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައިވާނެތޯ ދެންނެވުމުން ވިދާޅުވީ ނުވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ވައުދުފުއްދަވާ ބޭފުޅެއްތޯ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ ބައެއް ވައުދުތައް ނުފުއްދަވާ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަށް ކާމިޔާބު ކުރެއްވޭނެތޯ ދެންނެވުމުން ވިދާޅުވީ ނުވާނެ ކަމަށެވެ. އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނެވުމުގައި ރައީސް މައުމޫން ރައީސް ނަޝީދަށްވުރެ ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ޤަބޫލް ކުރައްވަންތޯ ޕްރެޒެންޓަރ ދެންނެވި ސުވާލަކަށް ޖަވާބުގައި ވިދާޅުވީ އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު