ލަންކާގެ އެއާޕޯޓް ބޮޑުކުރުމަށް ޖަޕާނުން 400 މިލިޔަން ޑޮލަރުގެ ލޯނެއް ދީފި

ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް--

(ކޮލޮމްބޯ، ސްރީލަންކާ): ސްރީލަންކާ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، އެ ގައުމުގެ ބައިނަލްއަގްވާމީ މައި އެއާޕޯޓު ތޮއްޖެހެމުން ދާތީ، އެތަނުގައި އާ ޓާމިނަލެއް އަޅައި، އެއާޕޯޓު ބޮޑުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ޖަޕާނުން 400 މިލިޔަން ޑޮލަރު ދިނުމަށް ނިންމައިފި އެވެ.

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)އިން ބުނީ، ސްރީލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުގައި އިތުރު ޓާމިނަލެއް އަޅާއިފި ނަމަ، އެތަނުން މިހާރު ޚިދުމަތް ދެވޭ މީހުންގެ ދެގުނަ އަދަދަކަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ. ޖައިކާއިން ބުނީ ލަފާ ކުރެވޭ ގޮތުގައި އަހަރަކު 15 މިލިޔަން ފަސިންޖަރުންނަށް ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ދެހާސް ވިހި ވަނަ އަހަރު ހުޅުވުމަށް ރާވާފައިވާ މި އާ ޓާމިނަލުގައި ބޭނުންކުރާނީ އިރުގެ ހޫނުން އުފައްދާ ހަކަތަ އެވެ. އަދި ފެނުގެ ގޮތުގައި ބޭނުންކުރާނީ ރީސައިކަލް ކުރެވޭ ފެން ކަމަށް ޖައިކާއިން ބުނެ އެވެ. ޖައިކާގެ އަމާޒަކީ، ޖަޕާނުގެ އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން އީކޯ އެއާޕޯޓެއް ސްރީލަންކާއަށް އުފައްދައިދިނުން ކަމަށް ޖައިކާއިން ބުންޏެވެ.

ޖަޕާނުން ލަންކާ އަށް ދޭ 400 މިލިޔަން ޑޮލަރުގެ ލޯނު އަނބުރައި ދެއްކުމަށް ޖަޕާނުން ދިނީ 40 އަހަރުގެ މުއްދަތެކެވެ.

ސްރީލަންކާއަކީ، ދެކުނު އޭޝިއާ އިން ޔޫރަޕަށާއި، އިރުމަތީ އޭޝިއާ އަށް ދަތުރުކުރާ ފަސިންޖަރުން ޓްރާންސިޓު ކުރާ މައި ހަބެވެ.

އަހަރަކު ހަ މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށް ޑިޒައިންކޮށް ތައްޔާރުކުރެވުނު ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން މިހާރު ދަނީ އަހަރަކު 8.5 މިލިޔަން މީހުންނަށް ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ސްރީލަންކާގައި އޮންނަ ދެ ވަނަ ބައިނަލްއަގްވާމީ އެއާޕޯޓް ހުންނަނީ އެ ގައުމުގެ އެންމެ ދެކުނުގަ އެވެ. މައްތަލަ ރާޖަޕަކްސަ އިންޓަނޭޝަނަލް އެއާޕޯޓުގެ ނަމުން ނަންދެވިފައިވާ މި އެއާޕޯޓުން މިހާރު ޚިދުމަތް ލިބިގަންނަނީ ދުވާލަކު އެންމެ ފްލައިޓެކެވެ.

comment ކޮމެންޓް