ޕޮލެންޑްގެ ކުރީގެ ރައީސް ކަޒިންސްކީގެ އެއްމާބަނޑު ބޭބެ އަދި ކުރީގެ ބޮޑުވަޒީރު ކަޒިންސްކީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައިފި

14:30


ދަތުރުކުރެއްވި މަތިންދާބޯޓް ވެއްޓުމުގެ ސަބަބުން އަވަހާރަވެފައިވާ ޕޮލެންޑްގެ ކުރީގެ ރައީސް ލެޗް ކަޒިންސްކީގެ އެއްމާބަނޑު ބޭބެ އަދި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ޖެރޮސްލާވް ކަޒިންސްކީ މިއަހަރުގެ ޖޫންމަހު ބާއްވާ އެގައުމުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމަވައިފި އެވެ.


ޕޮލެންޑްގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރުކަމުގައި ހުންނެވި ޖެރޮސްލާވް ވިދާޅުވެފައިވަނީ އޭނާ މިއިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވީ ކޮއްކޯފުޅުގެ ސިޔާސަތުތައް ކުރިއަށް ގެންދެވުމަށް ކަމަށެވެ. އަދި ކޮއްކޯފުޅު އަވަހާރަވުމުގެ ހިތާމައިން އަރައިގަނެ ގައުމު ހިންގުމުގައި ކުރިއަށް ދާން ޖެހޭ ކަމަށް ވެސް ޖެރޮސްލާވް ވިދާޅުވި އެވެ.


އެހެން ނަމަވެސް މިހާތަނަށް ބޭއްވުނު ޚިޔާލު ހޯދުމުގެ ވޯޓްތަކުގައި މިއިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ ވަގުތީ ރައީސް ބްރަނިސްލާވް ކޮމޮރޯސްކީ އެވެ. އަދި މިއިންތިޚާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުން ބޮޑެތި ގޯސްތަކެއް ހައްދަވައިގެން މެނުވީ ޖެރޮސްލާވް އަށް މިއިންތިޚާބު ކާމިޔާބުނުކުރެއްވޭނެ ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.


ޖެރޮސްލާވް ވަނީ 2006 ވަނަ އަހަރުން ފެށިގެން 2007 ގެ ނިޔަލަށް އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމް ފުރުއްވާފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު