ލާމަރުކަޒީ ބިލާއި ލޯކަލް ކައުންސިލްތަކުގެ ބިލުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ ފުރަތަމަ ދައުރުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

10:00


އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލުގެ ފަހު މަރުހަލާގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަށާނެ އެވެ.


ކޮމިޓީ މަރުހަލާ ނިމި މަޖިލީހުން ރިޢާޔަތް ކުރުމަށް މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުމަށް އެޖެންޑާކޮށްފައި މިވަނީ ކޮމިޓީން ބިލަށް ގެނަސްފައިވާ އިސްލާހާ މެދު، މަޖިލީހުގައި ހިމެނޭ ބޮޑު ދެ ޕާޓީގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.


ސަރުކާރުން މި ބިލު ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ބިލު މަޖިލީހަށް ބަލައިގަނެ ބިލަށް އިސްލާހް ގެނައުމަށް ފޮނުވި އެގާރަ މެންބަރުންގެ ކޮމިޓީން ބިލަށް އިސްލާހް ގެނަސްފައި ވަނީ ރާއްޖެ ހަތް ސަރަހައްދަކަށް ބަހާލުމަށް ސަރުކާރުން ހިމަނާފައިވާ ޕްރޮވިންސްތަކުގެ މަފްހޫމު އުނިކުރުމަށްފަހުގަ އެވެ. ބިލު ދިރާސާކުރި ކޮމިޓީގައި ހިމެނިވަޑައިގެންނެވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ އެ މައްސަލައިގައި ކޮމިޓީ މަސައްކަތުގައި ބައިވެރިވެވަޑައިނުގެންފަ އެވެ. އެ މެންބަރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެނީ މި ބިލު އިސްލާހްކުރުމަށް ކޮމިޓީގެ ގަވާއިދު އެކުލަވާލިއިރު، ޕްރޮވިންސްތައް ހެދުމުގެ މައްސަލައިގައި ސްޕްރީމް ކޯޓުގެ ބަހެއް ހޯދުމަށް ގަވާއިދުގައި ހިމަނަންޖެހޭނެ ކަމަށެވެ. ނަމަވެސް ގަވާއިދުގައި އެގޮތަށް ނުހިމެނުމަށް ކޮމިޓީގެ އަގުލަބިއްޔަތުން ނިންމުމާ ގުޅިގެން އެ މެންބަރުން ވަނީ ބިލް އިސްލާހް ކުރުމުގެ މަސައްކަތާ ދުރަށްޖެހިވަޑައިގެންފަ އެވެ.


ޕްރޮވިންސްތަކުގެ މަފްހޫމު އުނި ކުރުމާގުޅިގެން ތަފާތު މަރުހަލާތަކުގައި އެމްޑީޕީން ވަނީ ފާޑުކިޔައިފަ އެވެ. އަދި ކޮމިޓީން ބިލަށް ގެނައި އިސްލާހާ ގުޅިގެން ރާއްޖެ ހަތް އިދާރީ ދާއިރާއަށް ބަހާލައި ހަތް ޕްރޮވިންސް ހެދުމަށް ސްޕްރީމް ކޯޓުގެ ލަފައަކަށް އެދުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ހުށަހެޅި ގަރާރު ވެސް މަޖިލީހުން ވަނީ ބަލައި ނުގެންފަ އެވެ. އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ ޕްރޮވިންސްގެ މަފްހޫމު ބިލުން އުނިކުރުމަކީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ބިލުގެ އަސާސަށް ބަދަލުގެނައުމެއް ކަމަށެވެ. އަދި މި ބިލު ފާސްކުރަންޖެހޭނީ ރާއްޖެ ހަތް ޕްރޮވިންސަށް ބަހާލެވޭގޮތަށް އެ މަފްހޫމް ހިމަނައިގެން ކަމަށް ވެސް އެ މެންބަރުން ތަކުރާރުކޮށް ގެންދަނީ ވިދާޅުވަމުންނެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ އާއި އެ ޕާޓީގެ ފިކުރަށް ތާއީދު ކުރައްވާ މެންބަރުން ވިދާޅުވަމުން ގެންދަވަނީ، ގާނޫނު އަސާސީގައި އެކާވީސް އިދާރީ ދާއިރާ ހިމަނާފައިވާއިރު ރާއްގެ ހަތް އިދާރީ ރާއިރާއަށް ބަހައިލެވިގެން ނުވާނެ ކަމަށެވެ. މި މައްސަލައިގައި ހިޔާލުތަފާތުވެފައިވުމާއި، މަޖިލީހުގެ މިދައުރު ނިމޭން ކައިރިވެފައިވުމާއެކު މި ބިލުގެ އިތުރުން ބިލާ ގުޅުންހުރި ބިލުތައް ނިމެންދެން މަޖިލީސް ޗުއްޓީއަށް ނުގޮސް މަޖިލީހުގެ ފުރަތަމަ ދައުރުގެ މުއްދަތު އިތުރުކޮށް މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އިދިކޮޅު ޑީއާރުޕީން ވެސް މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅައިފަ އެވެ.


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބިލު ސަރުކާރުން ދެވަނަ ފަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި މިވަނީ މި ބިލު ފުރަތަމަ ހުށަހަޅައިގެން ކުރިއަށްގެންދިޔައިރު ވެސް އިދާރީ ދާއިރާތައް ހަތް ސަރަހައްދަކަށް ބަހާލުމަށް ހިމަނާފައިވާ މައްސަލައިގައި މެންބަރުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުމުގައި މަޖިލީހުގެ ތަޅުން ހޫނުވެ މެންބަރުންގެ މެދުގައި ބޮޑެތި މައްސަލަތަކެއްހިނގުމަށް ފަހު  ބިލް މަޖިލީހުގެ ކޮމިޓީގައި އޮއްވައި ސަރުކާރުން އަނބުރާ ގެންދެވުމަށްފަހުގަ އެވެ.


ބިލުގެ ފަހު މަރުހަލާގެ ބަހުސް ފެށިގެންދާއިރުވެސް މި މައްސަލައަށް ދޫދިނުމުގެ ނިޝާނެއް އެއްވެސް ފަރާތަކުން ފެނިފައެއްނުވެ އެވެ. ކޮންމެ ފަރާތަކުން ވެސް ބުނަމުންގެންދަނީ ގޮތް ދޫނުކުރާނެ ކަމަށެވެ. ދޫ ނުދޭނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު