އަރްބާޒް އާ އެކު މަލައިކާ އުޅެން ބޭނުން ނުވާ ސަބަބުތައް!

އަރްބާޒް، އަރްހާން، މަލައިކާ ---

މިދުވަސްވަރު ބޮލީވުޑްގައި އެންމެ ގަދަ އަށް ދެކެވޭ އެއް ވާހަކައަކީ ބޮލީވުޑްގެ މަޝްހޫރު ތަރި އަރްބާޒް ހާން އާއި މަލައިކާ އަރޯރާގެ ވަރީގެ ވާހަކަ އެވެ. އެ ދެ ތަރިން މަސަލަސް ކުރުމަށް އާއިލާ މެމްބަރުންނާއި ރައްޓެހިން ކުރި މަސައްކަތް ނާކާމިޔާބުވި ވާހަކަ އެވެ. އަރްބާޒް އާ ވަރިވާން މަލައިކާ އަޒުމް ކަނޑައަޅައިގެން ހުރި ވާހަކަ އެވެ.

ކޮންމެ އަކަސް އެ ދެ ތަރިން ވަރިވާން އުޅޭ ކަމަށް ބުނެ ގިނަ ވާހަކަތަކެއް ފެތުރިފައިވެ އެވެ. އެގޮތުން އެ މަލައިކާ އާއި އަރްބާޒް އެއް ގޮތަކަށް ވެސް ވާހަކަ ނުދައްކާ ކަމަށާއި މަލައިކާ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކައަކީ ވެސް މީޑިއާގައި ހަލުވިކޮށް ފެތުރުނު ވާހަކަ އެކެވެ. އަދި މަލައިކާ އޭނާގެ ދަރިފުޅު އަރްހާން ހާންއާ އެކު ވަކިން ދިރިއުޅެން ފެށި ވާހަކަ ވެސް މި ދޭތެރެއަކުން އަޑުއިވިގެން ދިޔަ އެވެ.

އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، މަލައިކާ ވަނީ އަރްބާޒް އާއި ވަރިވުމަށް ކޯޓު މަރުހަލާގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް އޭނާގެ ވަކީލު ވަންދަނާ ޝާހުއާ ހަވާލުކޮށްފަ އެވެ. އަދި އެ ދެމީހުން ބޭއްވި ސިއްރު ބައްދަލުވުމެއްގައި، އަރްބާޒް ކައިރިން މަލައިކާ ވަރިވާން ބޭނުންވާ ސަބަބުތައް ވަކީލާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

އެގޮތުން މަލައިކާ އަރްބާޒްއާ އެކު އުޅެން ބޭނުން ނުވާ ތިން ކަމެއް ވަކީލާ ހިއްސާ ކުރި ކަމަށް ހަބަރުތައް ބުނެ އެވެ.

އަރްބާޒް، އަރްހާން، މަލައިކާ ---

މަލައިކާއި އަރްބާޒް އާ ވަކިވާން ބޭނުންވާ ސަބަބުތަކުގެ ތެރެއިން ފުރަތަމަ ކަމެއް ކަމަށް ބުނެފައި ވަނީ، އަރްބާޒްގެ ނާކާމިޔާބު ކެރިއަރެވެ. އަރްބާޒްގެ ނާކާމިޔާބު ކެރިއަރުގެ ސަބަބުން މަލައިކާ އަށް މާލީގޮތުން ހަމަޖެހިގެން ދިރިއުޅެވެން ނެތް ކަމަށް މަލައިކާ ބުނެފައިވާ ހަބަރުތައް ބުނެ އެވެ.

އަނެއް ސަބަބެއް ކަމަށް މަލައިކާ އާ ހަވާލާދީ ހަބަރުތައް ބުނަނީ، އަރްބާޒްގެ ބޭބެ އަދި ބޮލީވުޑްގެ ސުޕާ ސްޓާ ސަލްމާން ހާންގެ ކާމިޔާބީގެ ހިޔަނީގައި އަރްބާޒް ދިރިއުޅެމުން އައުމެވެ. އަރްބާޒް އެފަދަ ދިރިއުޅުމެއް އުޅޭތީ މަލައިކާ ވަރަށް ފޫހިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ހަމައެއާ އެކު އަރްބާޒް އާއި އަރްބާޒް ގެ އާއިލާ އިން، މަލައިކާ އަކީ ގެވެހި އަންބެއް ގޮތުގައި ދިރިއުޅުމަށް ޑިމާންޑު ކުރާ ކަމަށާއި މަލައިކާ އެގޮތް ބޭނުން ނުވާ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

ހަމައެހެންމެ، މަލައިކާ އަރްބާޒް އާ ވަކިވި ނަމަވެސް ދަރިފުޅު އަރްހާން ބޭނުމެވެ. އެގޮތުން ކޮންމެ ހާލެއްގައި ވެސް ދަރިފުޅު މަލައިކާ އަށް ހޯދައި ދިނުމަށް ވަކީލު ކައިރިން މަލައިކާ އެދުނު ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

މަލައިކާ ދަރިފުޅު ގެންދިޔަ ނަމަވެސް، ދަރިފުޅާ ބައްދަލު ކުރުމުގެ ފުރުސަތު އަރްބާޒް އަށް އޮންނާނެ ކަމަށް ވެސް މަލައިކާ ބުނި ކަމަށް ހަބަރުތައް ބުނެ އެވެ.

އަރްބާޒް ކައިރިން މަލައިކާ ވަރިވާން ބޭނުންވާ ސަބަބުތައް ކަމަށް ބުނެ ފެތުރޭ ވާހަކަތަކަކީ އަދި ތެދު ވާހަކަތަކެއް ކަމެއް އެއްވެސް ފަރާތުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު